ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ފޮޓޯއާއި ވީޑިއޯ ފަދަ ތަކެތި ހިއްސާކޮށް، އެފަރާތްތަކުގެ ކަރާމާތަށް އުނިކަން ލިބޭގޮތަށް މަލާމާތް ރައްދުވާގޮތަށް ފާޑުކިޔަމުންދާތީ، އެކަން ހުއްޓާލުމަށް ހެލްތް މިނިސްޓްރީއިން އިލްތިމާސްކޮށްފިއެވެ.
މި ބަޔާނަކީ ހެލްތް މިނިސްޓްރީއާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލް ގުޅިގެން ނެރެފައިވާ ބަޔާނެކެވެ.
މި ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު (2010/08) ގެ ދަށުން، އެފަރާތްތަކުގެ އިންސާނީ ކަރާމާތަށް އުނިކަން އަންނަ ފަދަ ޢަމަލުތައް ކުރުމަކީ މަނާކަމެކެވެ. ނަމަވެސް، ފަހަކަށް އައިސް ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި ބޮޑެތި މީހުންގެ ފޮޓޯއާއި ވީޑިއޯ ބޭނުންކޮށްގެން ހިންގާ މިފަދަ ޢަމަލުތަކުގެ ސަބަބުން އެފަރާތްތަކަށާއި އެފަރާތްތަކުގެ ޢާއިލާތަކަށް ނަފްސާނީ ގޮތުން ބޮޑެތި އަސަރުތަކެއް ކުރަމުންދާކަން ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ މުޖުތަމަޢުގެ އެހެން މީހުންނެކޭވެސް އެއްފަދައިން ހަމަހަމަ ޙައްޤުތަކާއި އިޙްތިރާމް ލިބެންޖެހޭ ބައެއްކަން ކައުންސިލުން ހަނދާންކޮށްދެއެވެ. އަދި މިފަދަ ޣައިރުޤާނޫނީ ޢަމަލުތައް ހިންގާ ފަރާތްތަކާމެދު ޤާނޫނީގޮތުން ފިޔަވަޅު އެޅުމުގެ ބާރު ކަމާބެހޭ މުއައްސަސާތަކަށް ލިބިގެންވާކަންވެސް ބަޔާނުގައި ހަނދާންކޮށްދީފައިވެއެވެ.
ވުމާއެކު، ސޯޝަލް މީޑިއާ ބޭނުންކުރާ ހުރިހާ ފަރާތްތަކުންވެސް ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންގެ ޙައްޤުތަކަށް އިޙްތިރާމްކުރުމަށާއި، އެފަރާތްތަކުގެ ކަރާމާތް ގެއްލޭފަދަ އެއްވެސް އެއްޗެއް ޕޯސްޓް ނުކުރުމަށާއި ކޮމެންޓް ނުކުރުމަށް މިނިސްޓްރީއާއި ކައުންސިލުން ވަނީ ވަރަށް ބޮޑަށް އިލްތިމާސްކޮށްފައެވެ. އަދި މުޖުތަމަޢުގައި މިފަދަ ކަންކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް އެންމެހާ ރައްޔިތުން އެއްބާރުލުން ދިނުމަށްވެސް ވަނީ އެދިފައެވެ.





