އަހަރީ އޮޑިޓް ރިޕޯޓު ހުށަހެޅުމަށް އިލެކްޝަންސް ކޮމިޝަނުން ދެއްވި މުއްދަތުގައި، އަދާލަތު ޕާޓީއާއި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ފިޔަވައި ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ އެހެން ހުރިހާ ސިޔާސީ ޕާޓީއަކުން އޮޑިޓް ރިޕޯޓް ހުށަހަޅާފައިވާ ކަމަށް އެ ކޮމިޝަނުން ހާމަކުރައްވައިފިއެވެ.
ސިޔާސީ ޕާޓީގެ ޤާނޫނުގެ ދަށުން ކޮންމެ ސިޔާސީ ޕާޓީއެއްވެސް އަހަރު ނިމުމުން އެ އަހަރެއްގެ އޮޑިޓް ރިޕޯޓް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ޖެހެއެވެ. އެގޮތުން 2025 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުތައް ހުށަހެޅުމަށް ކަނޑައެޅި ސުންގަޑި މިދިޔަ މެއި މަހުގެ 20 ވަނަ ދުވަހަށް ވަނީ ހަމަވެފައެވެ.
އިލެކްޝަންސް ކޮމިޝަނުން މައުލޫމާތު ދެއްވާގޮތުގައި މި މުއްދަތުގެ ތެރޭގައި އޮޑިޓް ރިޕޯޓު ހުށަހަޅާފައިވަނީ 5 ސިޔާސީ ޕާޓީއަކުންނެވެ. އެއީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އާއި، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި، ޖުމްހޫރީ ޕާޓީއާއި، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގެ އިތުރުން ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އެވެ.
މި މުއްދަތު ހަމަވިއިރު އޮޑިޓް ރިޕޯޓް ހުށަނާޅާ އޮތީ އަދާލަތު ޕާޓީއާއި އެމްއެންޕީ އެކަންޏެވެ. ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ކަނޑައެޅިފައިވާ މުއްދަތުގައި އޮޑިޓް ރިޕޯޓު ހުށަނާޅާ ޕާޓީތަކާމެދު އިލެކްޝަންސް ކޮމިޝަނުން ފިޔަވަޅު އަޅާނެއެވެ.




