ގ. ފުންފަޅުގޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، އެ އިމާރާތުގެ ގެތަކަށް ލިބުނު ގެއްލުންތައް ދެނެގަތުމަށްޓަކައި ޚާއްސަ އެސެސްމަންޓެއް ހެދުމުގެ މަސައްކަތް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ފަށައިފިއެވެ. މިއަދު އެޕާޓްމަންޓްތަކުގެ ވެރިންނާއެކު އިމާރާތް ބަލައި، ލިބިފައިވާ ގެއްލުންތަކުގެ އަންދާޒާއެއް ތައްޔާރުކުރުމަށްފަހު ގެތަކަށް ފޯރުކޮށްދޭންޖެހޭ މާލީ އެހީތެރިކަން ދިނުމުގެ ކަންކަން ހަމަޖައްސާނެއެވެ.
އާދީއްތަ ދުވަހުގެ ރޭ 22:50 ހާއިރު ހިނގި މި ހާދިސާގައި އަލިފާން ރޯވީ ފުންފަޅުގެ 5 ވަނަ ފަންގިފިލާގެ އެއް އެޕާޓްމަންޓެއްގައެވެ. އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއުގެ އެހީތެރިކަމާއެކު ގަޑިއެއްހާއިރު ތެރޭގައި އަލިފާން އެއްކޮށް ނިއްވާލާފައިވާއިރު، އަލިފާނުގެ ސީދާ އަސަރު ކުރީ އެއް އެޕާޓްމަންޓަށެވެ. ނަމަވެސް އެ ފަންގިފިލާގެ އިތުރު ދެ އެޕާޓްމަންޓަކަށް ދުމާއި ގެނދަބުޅީގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވެއެވެ.
މި ހާދިސާގައި ޖުމްލަ 109 މީހުންނަށް އަސަރުކޮށްފައިވާއިރު، އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް މިހާތަނަށް 95,000ރ. ޚަރަދުވެފައިވާ ކަމަށް އެންޑީއެމްއޭއިން ވިދާޅުވެއެވެ.
އެގޮތުން އިމާރާތުގެ 22 އެޕާޓްމަންޓެއްގައި ދިރިއުޅޭ 93 މީހަކަށް 2 ދުވަހުގެ މުއްދަތަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިން ހަމަޖައްސައިދިނެވެ. އަދި އަލިފާން ރޯވި 5 ވަނަ ފަންގިފިލާގެ 3 އެޕާޓްމަންޓްގެ 16 މީހުންނަށް 5 ދުވަހުގެ މުއްދަތަށް ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އެހީތެރިކަން ވަނީ ފޯރުކޮށްދީފައެވެ.
މި ހާދިސާގައި އަލިފާނުގެ ސަބަބުން އެއްވެސް މީހަކަށް ސީދާ އަނިޔާއެއް ލިބިފައެއް ނުވެއެވެ. ނަމަވެސް، ފެތުރުނު ބޯ ދުމުގެ އަސަރުކޮށްގެން ޖުމްލަ 28 މީހަކު ވަނީ ހޮސްޕިޓަލުން ފަރުވާ ހޯދާފައެވެ. މީގެ ތެރެއިން 25 މީހަކަށް އައިޖީއެމްއެޗް އިން ފަރުވާދީފައިވާއިރު، 3 މީހަކަށް ފަރުވާދީފައިވަނީ އޭޑީކޭ ހޮސްޕިޓަލުންނެވެ.
"ދުމާއި ގެދަބުޅި ސާފުކޮށް، ޞިއްޙީ ގޮތުން ރައްކާތެރިކަން ކަށަވަރުވުމުން ނޫނީ އާންމު ފަންގިފިލާތަކަށް މީހުންނަށް އެނބުރި ނުދެވޭނެ. މިއަށް ދެދުވަހެއްވަރު ހޭދަވާނެ. އަދި ސީދާ އަލިފާން ރޯވި އެޕާޓްމަންޓްތަކަށް ދިރިއުޅުން ބަދަލުކުރެވޭނީ ބޮޑެތި މަރާމާތުތަކެއް ކޮށްގެން."— އެންޑީއެމްއޭ





