ޕްލާސްޓިކް ކޮތަޅުން ނަގަމުންދާ ފީއަށް ލުއިތަކެއް ދިނުމާއި ރާއްޖެއަށް ކުނި އެތެރެކުރުން އެއްކޮށް މަނާކުރުން ހިމެނޭހެން، ކުނި މެނޭޖުކުރުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ބޮޑެތި އިސްލާހުތަކެއް ހުށަހަޅައިފިއެވެ. ސަރުކާރުގެ ފަރާތުން އުނގޫފާރު ދާއިރާގެ މެމްބަރު އިބްރާހިމް ޝިފާޒު ހުށަހެޅުއްވި މި ބިލުގެ ފުރަތަމަ ކިޔުން މިއަދު ވަނީ ރައްޔިތުންގެ މަޖިލީހުގައި އިއްވާފައެވެ.
މި ބިލުގައިވާ އެންމެ މުހިންމު އެއް އިސްލާހަކީ 50 ކޮތަޅަށްވުރެ ގިނަ އަދަދެއްގެ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅުބޮނޑިން ދެ ރުފިޔާ ނެގުން ހުއްޓާލުމެވެ. މީގެ ސަބަބުން އާންމުންނަށް ޕްލާސްޓިކް ކޮތަޅު ގަންނަން ލިބޭ އަގަށް ލުޔެއް ލިބިގެންދާނެއެވެ. ނަމަވެސް، މި ބަދަލާއެކު ކޮތަޅު ފީއިން ދައުލަތަށް ލިބެމުންދާ އާމްދަނީ ދަށްވާނެކަމަށް ބިލުގައި ފާހަގަކޮށްފައިވެއެވެ.
މި ބިލު ހުށަހަޅަމުންދާ މައިގަނޑު ބޭނުމަކީ ކުނި މެނޭޖްކުރުމުގެ ޤާނޫނު ތަންފީޒުކުރާ އިދާރާތަކުން އަދާކުރާ ދައުރު މިހާރަށްވުރެ ސާފުކޮށް ބަޔާންކުރުމެވެ. މީގެ އިތުރުން ރާއްޖެއަށް ކުނި އެތެރެކުރުމަކީ މަނާކަމެއްގެ ގޮތުގައި ކަނޑައެޅުމާއި، ކުނި މެނޭޖްކުރުމުގެ ކަންކަން ދެމެހެއްޓެނެވި ގޮތެއްގައި ރާވާ ހިންގުމުގައި ދިމާވާ ދަތިތައް ހައްލުކުރުން މި ބިލުގެ މަޤްސަދުތަކުގެ ތެރޭގައި ހިމެނެއެވެ.
އިޤްތިޞާދީ އަދި ސިނާއީ މަސައްކަތްތައް ކުރާ ތަންތަނުގައި ކުނި މެނޭޖްކުރުމުގެ ޚާއްސަ ސިޔާސަތުތަކެއް އެކުލަވާލަން މި ބިލުން ލާޒިމުކުރެއެވެ. އަދި ކުނި މެނޭޖްކުރުމުގެ އެންމެހައި ކަންކަން ޤައުމީ މާސްޓަރ ޕްލޭނާއި، އެ ސިޓީއެއްގެ ކުނި މެނޭޖްކުރުމުގެ ޕްލޭނާ އެއްގޮތްކުރަންޖެހޭނެއެވެ.
މީގެ އިތުރުން، ކުނި މެނޭޖްކުރާ މަރުކަޒުތައް ހިންގުމާއި، އެތަންތަނުގައި ބޭނުންކުރާ ވަސީލަތްތައް ހުންނަންޖެހޭނެ ރައްކާތެރި މިންގަނޑުތައް ކަނޑައެޅުން ވެސް މި އިސްލާހުތަކުގެ ތެރޭގައި ހިމެނެއެވެ. މި ބިލުގެ މަސައްކަތް އެއްކޮށް ނިމުމުން ރާއްޖޭގެ ކުނި މެނޭޖްކުރުމުގެ ދާއިރާއަށް ވަށާޖެހޭ ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ސަރުކާރުން އުންމީދުކުރެއެވެ.




