ހދ. އަތޮޅުގެ ހުރިހާ ރަށެއް ބައިވެރިވެގެން އަތޮޅުގެ ތަރައްޤީއަށް ޚާއްސަ ބޯޑެއް އެކުލަވާލުމަށް ކުރަމުންދާ މަސައްކަތްތައް ކުރިއަށް ނުގެންދިޔުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އަންގައިފިއެވެ. އެލްޖީއޭއިން މިގޮތަށް އަންގާފައިވަނީ ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުޙައްމަދު އާތިފަށް ފޮނުއްވި ރަސްމީ ސިޓީއެއްގައެވެ.
އެލްޖީއޭއިން ފާހަގަކޮށްފައިވާ ގޮތުގައި މިފަދަ ބޯޑެއް ހެދުމަކީ ލާމަރުކަޒީ ޤާނޫނާ ޚިލާފު އަދި ކުރެވިދާނެ ކަމެއް ނޫނެވެ. މައިގަނޑު ސަބަބުތަކަކީ:
-
މަސްއޫލިއްޔަތު ބަދަލުވުން: ޤާނޫނަށް ގެނައި އިސްލާޙާއެކު އަތޮޅު ކައުންސިލްތައް ވަނީ އުވާލާފައެވެ. އަދި އެ އިދާރާތަކުގެ މަސްއޫލިއްޔަތުތައް މިހާރު ވަނީ އެލްޖީއޭއާ ހަވާލުކޮށްފައެވެ.
-
ޤާނޫނީ ޒިންމާ: މުޅި އިދާރީ ދާއިރާގެ ތަރައްޤީއަށް ކުރަންޖެހޭ ކަންކަން ކުރުމަކީ މިހާރު ސީދާ އެލްޖީއޭގެ ޤާނޫނީ މަސްއޫލިއްޔަތެކެވެ.
-
ޤާނޫނުގެ މަޚުފޫމާ ފުށުއެރުން: ކައުންސިލްތަކުގެ މައްޗަށް އެކުލެވިގެންވާ ވަކި ބޯޑެއް އަތޮޅެއްގައި އުފައްދައިގެން މަސައްކަތްކުރުމަކީ ލާމަރުކަޒީ ޤާނޫނަށް ގެނެވުނު އިސްލާޙުގެ މަޚުފޫމާ ސީދާ ފުށުއަރާ ކަމެކެވެ.
އެލްޖީއޭގެ ސިޓީގައި ހދ. އަތޮޅުގެ ކައުންސިލްތަކުން ކުރަމުންދާ މަސައްކަތް ހުއްޓާލުމަށް އެންގުމުގެ އިތުރުން ކަންތައްތަކެއް ސާފުކޮށްދިނުމަށް ވަނީ އެދިފައެވެ:
"ތިޔަ ކައުންސިލާއި ހދ. އަތޮޅު އެންމެހާ ކައުންސިލްތައް އެކުވެގެން ނިންމާފައިވާ ނިންމުމަށް ވާސިލްވުމަށް ކަނޑައެޅި ޤާނޫނީ ސްޓޭންޑަކީ ކޮބައިކަން ސާފުކޮށްދިނުމަށް ދަންނަވަމެވެ."
ހދ. އަތޮޅުގެ ރަށްތައް ޝާމިލުވާގޮތަށް މިފަދަ ބޯޑެއް އެކުލަވާލަން އެންމެ ފުރަތަމަ އިސްނެންގެވީ ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުޙައްމަދު އާތިފެވެ. އަދި މިކަމަށް އަތޮޅުގެ އެހެން ރަށްރަށުގެ ތާއިދު ހޯއްދެވުމަށްޓަކައި، މޭޔަރު ވަނީ ހދ. އަތޮޅުގެ ރަށްރަށުގެ ކައުންސިލްތަކުގެ ރައީސުންނާއެކު ޚާއްސަ މަޝްވަރާ ބައްދަލުވުމެއް ވެސް ބާއްވާފައެވެ.




