އަޚުލާޤީ ގޮތުން ފުރިހަމަ ދަރިވަރުންތަކެއް ބިނާކުރުމަށްޓަކައި ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުން ގެންގުޅޭ ކާމިޔާބު އުސޫލުތަކަށް ޢަމަލުކުރުން މުހިންމު ކަމަށާއި، މިކަމުގައި މުޅި މުޖުތަމަޢުގެ އެއްބާރުލުން ބޭނުންވާ ކަމަށް ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާއިލް ޝަފީޢު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ހުޅުމާލޭ ސީއެޗްއެސްސީގައި ބޭއްވި "މަތީ އަރުތަވެރިންގެ އިނާމު 2025" ދިނުމުގެ ރަސްމިއްޔާތުގެ ތިންވަނަ ދަންފަޅީގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޑރ. އިސްމާއިލް ޝަފީޢު ފާހަގަކުރެއްވި ގޮތުގައި، ދަރިވަރުންގެ އަޚުލާޤު ހަރުދަނާކުރުމަށް ސަރުކާރުން ފައްޓަވާފައިވާ "ބިންގާ" ތަރުބަވީ ޕްރޮގްރާމުގެ ފުރަތަމަ ޓާމުގެ މަސައްކަތްތައް ވަނީ ކާމިޔާބުކަމާއެކު ނިމިފައެވެ. މި ޕްރޮގްރާމްގެ މައިގަނޑު މަޤުސަދަކީ ޢިލްމީ އަދި އަޚުލާޤީ ގޮތުން ފުރިހަމަ، އަދި ދިރިއުޅުމުގެ ބޭނުންތެރި ހުނަރުތަކަށް އަހުލުވެރިވެފައިވާ އުފެއްދުންތެރި ޖީލެއް ބިނާކުރުމެވެ.
ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން ކުރިއަށްގެންދާ މި ޕްރޮގްރާމުގެ ތެރެއިން ފުރަތަމަ ޓާމުގައި އެކަނިވެސް 3،900 އަށްވުރެ މުހިންމު ހަރަކާތްތައް ސްކޫލުތަކުގައި ވަނީ ހިންގާފައެވެ. ވަކިވަކި ތީމުތަކަކަށް ބަހާލައިގެން ކުރިއަށްގެންދާ މި ހަރަކާތްތައް ބައްޓަންކޮށްފައިވަނީ ދަރިވަރުންގެ ކިބައިގައި ނަމާދުކުރުމާއި، އޯގާތެރިކަމާއި، ޤައުމީ ލޯތްބާއި، ޒިންމާދާރުކަމުގެ އިތުރުން ތެދުވެރިކަމާއި ސާފުތާހިރުކަން ފަދަ ރީތި ސިފަތައް އަށަގަންނުވައި ހަރުލެއްވުމަށެވެ.

ބައިނަލްއަޤުވާމީ ދިރާސާތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، އިނގިރޭސިވިލާތުގެ ބާމިންހަމް ޔުނިވަރސިޓީން ހަދާފައިވާ ދިރާސާއަކުން ދައްކާގޮތުގައި، ތަޢުލީމީ ދާއިރާގައި މަސައްކަތްކުރާ 97 އިންސައްތަ މީހުންނާއި ގިނަ އަދަދެއްގެ ބެލެނިވެރިން ޤަބޫލުކުރާ ގޮތުގައި ދަރިވަރުންގެ އަޚުލާޤު ބައްޓަންކުރުމަކީ ސްކޫލުތަކުން ޚާއްސަ އިސްކަމެއް ދޭންޖެހޭ ކަމެކެވެ. އަދި އަޚުލާޤު ވަކިން ކިޔަވައިދޭން ޖެހޭކަމަށް ވެސް އެ ދިރާސާގައި ފާހަގަކޮށްފައިވެއެވެ. އެހެންކަމުން، ބޭރުގެ ކުރިއަރާފައިވާ ޤައުމުތަކުގެ މިފަދަ ނަމޫނާތަކުން ފިލާވަޅު ލިބިގަނެ، ރާއްޖޭގެ ތަޢުލީމީ ނިޒާމުގެ ތެރެއިން މިކަންކަން ތަންފީޒުކުރުން ބޭނުންތެރިކަމަށް ވަޒީރު ވިދާޅުވިއެވެ.
"ބިންގާ" ޕްރޮގްރާމަކީ ސްކޫލުތަކާއި، ބެލެނިވެރިން އަދި މުޅި މުޖުތަމަޢު ގުޅިގެން ކުރިއަށްގެންދާ ހަރަކާތެކެވެ. މީގެ ސަބަބުން މުދައްރިސުންނަށް އިޚުތިރާމްކުރާ، އަދި މުޅި ސްކޫލު މާހައުލުގައިވެސް އަޚުލާޤީ ރިވެތި އާދަތައް ގެންގުޅޭ ދަރިވަރުންތަކެއް އުފެދިގެންދާނެއެވެ. ނަމަވެސް، މިއީ ހަމައެކަނި ސްކޫލުގެ ހަތަރު ފާރުން އެތެރޭގައި ކުރެވޭނެ ކަމެއް ނޫންކަން ފާހަގަކުރައްވައި، ވަޒީރު ވިދާޅުވީ މުޖުތަމަޢުގެ ފުރިހަމަ އެއްބާރުލުން ލިބިގެން ނޫނީ އެންމެންގެ ލޯބި ލިބިގެންވާ، އިޚުތިރާމް ކުރަން ދަންނަ ކުދިންތަކެއް ބިނާނުކުރެވޭނެ ކަމަށެވެ.





