ދިވެހިރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް، އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓުން ސީދާ ސައުދީ އަރަބިއްޔާއަށް ކުރާ އުމްރާ ދަތުރުތައް ރަސްމީކޮށް ފަށައިފިއެވެ. މިއީ ރާއްޖެއިން ހައްޖާއި އުމްރާއަށް ދާ ފަރާތްތަކަށް ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފެށުނު މުހިންމު ޚިދުމަތެކެވެ. ޤައުމީ އެއާލައިން މޯލްޑިވިއަނާއި އުމްރާ އެޖެންސީއެއް ކަމަށްވާ "ދަ ޓ ްރެވެލާ" ގުޅިގެން ކުރިއަށްގެންދާ މި ދަތުރުތަކުގައި ބޭނުންކުރަނީ މޯލްޑިވިއަންގެ އެއާބަސް އޭ330 ވައިޑް-ބޮޑީ މަތިންދާބޯޓެވެ.
މި ތާރީޚީ ފުރަތަމަ ފްލައިޓުގައި ކުޑަކުދިން ހިމެނޭހެން ޖުމުލަ 260 މީހުން ވަނީ އުމްރާގެ މަތިވެރި އަޅުކަމަށް ސައުދީއަށް ފުރާފައެވެ. މި ދަތުރުގެ ބައިވެރިންނަށް ހިތްވަރުދިނުމުގެ ގޮތުން މޯލްޑިވިއަންގެ ފަރާތުން ވަނީ ޚާއްސަ ހަދިޔާއެއްވެސް ދީފައެވެ. މޯލްޑިވިއަނުން ބުނިގޮތުގައި މިއީ އައްޑޫ ސިޓީއާއި ދެކުނުގެ އަތޮޅުތަކުގެ ރައްޔިތުންނަށް ސަރަހައްދީ ގޮތުން ލިބިގެންދިޔަ ވަރަށް ބޮޑު ފަސޭހައެކެވެ. އަދި މިއީ ހަމައެކަނި ފެށުމެއް ކަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް މިފަދަ ސީދާ ދަތުރުތައް ބޭއްވުމަށް ވަނީ ރޭވިފައެވެ.
ޤައުމީ އެއާލައިނުން އެންމެ ފުރަތަމަ އުމްރާ ދަތުރުތައް ފަށާފައިވަނީ މިދިޔަ އަހަރުގެ ޖުލައި 22 ގައެވެ. އެ ފުރަތަމަ ދަތުރުގައި 750 އަށްވުރެ ގިނަ އުމްރާވެރިން ބައިވެރިވިއިރު، މިދިޔަ އަހަރު ރާއްޖެއިން ހައްޖަށް ދިޔަ ހައްޖާޖީން ސައުދީއަށް ގެންދިއުމުގައިވެސް މޯލްޑިވިއަނުން ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.
ފަހަކަށް އައިސް ރާއްޖެއިން އުމްރާއަށް ދާ މީހުންގެ އަދަދު ވަނީ ބޮޑުތަނުން އިތުރުވެފައެވެ. ޚާއްސަކޮށް ޒުވާނުންނާއި ތުއްތު ކުދިންނާއެކު މުޅި އާއިލާ އެއްކޮށް މި އަޅުކަމުގައި ބައިވެރިވާ މިންވަރު މިހާރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ދެކުނުގެ ރައްޔިތުންނަށް މި ދަތުރުތަކުގައި ބައިވެރިވުން ފަސޭހަކޮށްދިނުމަށްޓަކައި، މޯލްޑިވިއަނުން ވަނީ އައްޑޫއާއި ފުވައްމުލަކުގެ އިތުރުން ހުވަދު އަތޮޅުގެ ތިން ބުރީގެ މެދުގައި "ސައުތު ކަނެކްޓިވިޓީ ނެޓްވޯކް" ގެ ނަމުގައި ޚާއްސަ ޝެޑިއުލް ދަތުރުތަކުގެ ވިއުގައެއްވެސް ގާއިމުކޮށްފައެވެ.





