ދިވެހިރާއްޖޭގެ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި، ސައޫދީ އަަރަބިއްޔާގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް، ދައުވާ އެންޑް ގައިޑެންސް ގުޅިގެން ރާއްޖޭގައި ކޮންމެ އަހަރަކު ބާއްވަމުން އަންނަ ދީނީ "ދައުރާ" ޕްރޮގްރާމްތަކުގެ މިއަހަރުގެ ސިލްސިލާ ރަސްމީކޮށް ފަށައިފިއެވެ.
މި ޕްރޮގްރާމްތައް ފެށުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ސައޫދީ އަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ ޔަހްޔާ ހަސަން އަލްޤަހްތާނީއެވެ. މިއީ ރާއްޖޭގެ ދީނީ އިލްމުވެރިންނާއި، އިމާމުންނާއި، ޚަތީބުންގެ އިތުރުން ދީނީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ އިލްމީ ފެންވަރު މަތިކުރުމަށް ސިލްސިލާކޮށް ކުރިއަށްގެންދާ ބޮޑު މަޝްރޫއެކެވެ.
މި ޕްރޮގްރާމްތަކުގެ ތެރެއިން ސައޫދީ އަރަބިއްޔާގެ ބޮޑެތި ޔުނިވަރސިޓީތަކުގެ ތަޖުރިބާކާރު ޕްރޮފެސަރުންނާއި އިލްމުވެރިން ރާއްޖެ ވަޑައިގެން، ދީނީ އެކި މައުޟޫއުތަކަށް ދަރުސްތަކާއި ތަމްރީނު ސެޝަންތައް ކުރިއަށް ގެންދާނެއެވެ. މީގެ މައިގަނޑު އަމާޒަކީ މެދުގިންތީގެ ދީނީ ވިސްނުން (ވަސަތިއްޔަތު) ކުރިއެރުވުމާއި، ހައްދުފަހަނަޅައިދިއުމުގެ ފިކުރުތަކުން މުޖުތަމައު ރައްކާތެރިކުރުމެވެ. މިފަދަ މުހިންމު އަހަރީ ޕްރޮގްރާމެއް ރާއްޖޭގައި ކުރިއަށްގެންދިއުމަށް ސައޫދީ ސަފީރާއި، ސައޫދީ އަރަބިއްޔާގެ ސަރުކާރުގެ އިތުރުން އެގައުމުގެ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ދެއްވަމުންދާ މެދުކެނޑުމެއްނެތް އެއްބާރުލުމާއި އަގުހުރި އެހީތެރިކަމަށްޓަކައި، ދިވެހިރާއްޖޭގެ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ އެ ފަރާތްތަކަށް ޚާއްސަ ޝުކުރެއް އަދާކުރައްވާފައެވެ.
ރާއްޖެއާއި ސައޫދީ އަރަބިއްޔާއާ ދެމެދު އޮންނަ ދީނީ އަދި ސަގާފީ ގުޅުން ފާއިތުވި އަހަރުތަކުގައި ވަނީ ވަރަށް ބޮޑަށް ބަދަހިވެފައެވެ. ސައޫދީ ސަރުކާރުން ދަނީ ރާއްޖޭގައި އިސްލާމީ މަރުކަޒުތައް ބިނާކުރުމަށާއި، މިސްކިތްތައް މަރާމާތުކުރުމުގެ އިތުރުން ދިވެހި ދަރިވަރުންނަށް އިސްލާމީ ތައުލީމުގެ ދާއިރާއިން މަތީ ތައުލީމުގެ ސްކޮލަޝިޕްތައް ފޯރުކޮށްދިނުމުގައި ބޮޑެތި އެހީތަކެއް ވަމުންނެވެ. މިގޮތުން ހިންގޭ ދައުރާ ޕްރޮގްރާމްތަކަކީ ދެގައުމުގެ ދެމެދުގައި އޮތް އަޚުވަންތަކަމުގެ ގުޅުން ރަމްޒުކޮށްދޭ އަދި ރާއްޖޭގެ ދީނީ ވަހްދަތު ހިމާޔަތްކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.




