މާލެ ސަރަހައްދުގެ މަގުތަކުގެ ތޮއްޖެހުމުގެ މައްސަލައަށް އަވަސް އަދި ވަށާޖެހޭ ޙައްލެއް ހޯދުމަށްޓަކައި "ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް" ގެ ނަމުގައި ޚާއްޞަ އިދާރާއެއް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފައްދަވައިފިއެވެ.
މި އޮފީސް އުފައްދަވާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުންނެވެ.
މި އޮފީސް ހިނގަމުންދާނީ މިނިސްޓްރީ އޮފް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ދަށުން ހިނގަމުންދާ އިދާރާއެއްގެ ގޮތުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރެއްވި ގޮތުގައި، މި އޮފީސް އުފެއްދެވީ މާލެ ސަރަހައްދުގެ މަގުތަކުގައި ދުއްވާ އުޅަނދުތައް އިތުރުވެ، ތޮއްޖެހުން ބޮޑުވުމުގެ މައްސަލައަށް އަވަސް ޙައްލެއް ހޯދުމަށް ކަމާބެހޭ ފަރާތްތަކާ ގުޅިގެން ޕްރޮގްރާމްތައް އެކުލަވައިލައި ތަންފީޒުކުރުމަށެވެ. މީގެ އިތުރުން މާލޭ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމު ޒަމާނީކުރުމާއި، ޕާކު ކުރެވޭނެ ވަސީލަތްތަކާއި އެހެނިހެން ޒަމާނީ ޙައްލުތައް ހޯދައި، އެފަދަ ވަސީލަތްތައް ތަރައްޤީ ކުރުމުގެ މަސައްކަތްތައް ތަންފީޒު ކުރުމުގައިވެސް މި އޮފީހުން އިސް ދައުރެއް އަދާކުރާނެއެވެ.
ގަވަރނިންގ ބޯޑެއްގެ ލަފާގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ މި އިދާރާގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، މަގުތަކުގެ ތޮއްޖެހުން ކުޑަކުރަން ބޭނުންވާ ސިޔާސަތުތައް އެކުލަވައިލުމުގައި ކަމާބެހޭ ފަރާތްތަކަށް ލަފާދިނުން ހިމެނެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދެންނެވުމުގައިވާ ގޮތުން، ދައުލަތުގެ އިދާރާތަކުން މި އޮފީހަށް ލިޔުއްވާ ސިޓީތަކުގައި ޖައްސަވަންޖެހޭ ރަސްމީ ނަންބަރަކީ 1142 އެވެ.




