ހުޅުމާލެ ފޭސް 2 ގެ ހިޔާ ފްލެޓް ސަރަހައްދުގައި ކުނި މެނޭޖުކުރުމަށް ހާއްސަކޮށްފައިވާ ވެމްކޯގެ ރޭމްޕްތައް މަރާމާތުކޮށް، އާބާތުރަ ފިލުވުމުގެ މަސައްކަތް ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށައިފިއެވެ.
އެޗްޑީސީން ހާމަކުރި ގޮތުގައި، މި މަޝްރޫއަކީ ހިޔާ އަވަށުގައި ދިރިއުޅޭ ގިނަ އަދަދެއްގެ ރައްޔިތުންނަށް ދިމާވާ ކުނި އުކާލުމުގެ ދަތިތަކަށް ހައްލެއް ހޯދައިދީ، ލުއިފަސޭހަކަމާއެކު ކުނި މެނޭޖުކުރެވޭނެ ނިޒާމެއް ގާއިމުކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.
ހިޔާ ފްލެޓް ސަރަހައްދުގައިވާ ވެމްކޯއަށް ހާއްސަ ރޭމްޕްތައް މަރާމާތުކުރުމުގެ މަސައްކަތް އެޗްޑީސީން ދަނީ ކުރަމުން.
މިއީ ހިޔާ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ކުނި އުކާލުމުގައި ލުއިފަސޭހަ ގޮތްތަކެއް ހޯދައިދީ، ސަރަހައްދުގެ ސާފުތާހިރުކަން ދެމެހެއްޓުމަށް އެހީތެރިވުމުގެ ގޮތުން… pic.twitter.com/gCMt6IW6du
— Housing Development Corporation (@hdcmaldives) July 12, 2026
މީގެ އިތުރުން، މި މަރާމާތުތަކުގެ ސަބަބުން އެ ސަރަހައްދުގެ ސާފުތާހިރުކަން ދެމެހެއްޓުމަށާއި، ކުނި އުފުލާ މުވައްޒަފުންނަށް ރައްކާތެރިކަމާއެކު މަސައްކަތް ކުރުމުގެ މާހައުލެއް ބިނާވެގެންދާނެއެވެ.
ހިޔާ ފްލެޓްތަކުގެ ގްރައުންޑް ފްލޯ އަދި އާންމު ސަރަހައްދުތަކަށް ގަވާއިދާ ހިލާފަށް ކުނި އެޅުމުގެ މައްސަލަތަކެއް ފަހަކަށް އައިސް ވަނީ ފާހަގަކުރެވިފައެވެ. އެހެންކަމުން، އެޗްޑީސީން ދަނީ ވެމްކޯއާ ގުޅިގެން މި އަވަށުގެ ކުނި މެނޭޖުކުރުމުގެ އިންފްރާސްޓްރަކްޗާ އިތުރަށް ހަރުދަނާ ކުރަމުންނެވެ.
އެ ކޯޕަރޭޝަނުން އިލްތިމާސްކުރަނީ، ދިރިއުޅޭ ސަރަހައްދުގެ ސާފުތާހިރުކަން ހިފެހެއްޓުމަށްޓަކައި ހުރިހާ ރައްޔިތުންވެސް ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ކުނި އުކާލުމުގެ ކަންކަން ބެހެއްޓުމަށެވެ.




