ދިވެހިރާއްޖޭގެ އިގްތިސާދީ ހާލަތާއި ހާއްސަކޮށް ޑޮލަރުގެ ތާށިކަމާ ގުޅޭގޮތުން އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން އާރޓިފިޝަލް ބީޗުގައި ބޭއްވި "ޑޮލަރެއް ނެތް!" ޕެނަލް މަޝްވަރާއަށް އާންމުންނާއި ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެއްޖެއެވެ.
"ގިނަ އަދަދެއްގެ ހުސްގޮނޑިތަކަކާއެކު" ކުރިއަށްދިޔަ މި ހަރަކާތް ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ސަމާލުކަމަށް އައިސްފައިވާއިރު، ޕެނަލިސްޓުންގެ ގޮތުގައި ތިއްބެވި ބޭފުޅުންގެ މާޒީއަށް ރިއާޔަތްކޮށް ގިނަ ބަޔަކު ދަނީ މަލާމާތް ކުރަމުންނެވެ. އެގޮތުން، އެމްޑީޕީގެ ވެރިކަމުގައި ރާއްޖޭގެ މާލީ ހާލަތު ދަށަށްގޮސް، ފައިސާ ޗާޕުކުރުމުގެ ސަބަބުން ރުފިޔާގެ އަގުވެއްޓި ތަކެތީގެ އަގު އުފުލެމުންދިޔަ ދުވަސްވަރު، އޭރުގެ ފައިނޭންސް މިނިސްޓަރ އިބްރާހިމް އަމީރަށް ފާޑުވިދާޅުވި އީވާ ޢަބްދުﷲ އާއި އިލްޔާސް ލަބީބް، މިއަދު ހަމަ އެ އަމީރު މެދުގައި ބައިންދައިގެން އިގްތިސާދީ ވާހަކަ ދެއްކުމަކީ ބޮޑު "ޖޯކެއް" ގެ ގޮތުގައި އާންމުން ދަނީ ސިފަކުރަމުންނެވެ.
އަދި އޭރު އަމީރު ހުށަހެޅުއްވި ސަޕްލިމަންޓްރީ ބަޖެޓަކީ "ވައްކަމުގެ ރަޝީދެއް" ކަމަށް ވިދާޅުވި އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފިކުރަށް ތާއީދުކުރި ބޭފުޅުން މިއަދު އެ ސިޔާސަތުތައް ދިފާއުކުރަން ތިބުމުން ހަރަކާތަށް މީހުން ނުގޮސް، ފަޅުވެފައިވާ ކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ.
ގިނަ އަދަދެއްގެ ހުސްގޮނޑިއާއެކު މިހާރު އާރޓިފިޝަލް ބީޗްގައި ކުރިއަށްދާ @MDPSecretariat ގެ ޕެނަލް މަޝްވަރާގައި ޕެނަލިސްޓުންނަށް ތިއްބެވި @evattey އާއި @ilyas_labeeb އަކީ MDP ވެރިކަމުގައި ރާއްޖެ ބަނގުރޫޓް ވަނިއްޔޭ ކިޔާ އަމީރަށް ވަގަށް ގޮވި 2 މީހުން.މިދެމީހުން މިވާހަކަތައް ގޮވީ… pic.twitter.com/kpmLxVaN5A
— Ibrahim Shujau (@IbrahimShujaau) July 12, 2026
ރޭ ކުރިއަށްދިޔަ މި ޕެނަލް މަޝްވަރާގައި ވާހަކަދައްކަވަމުން ކުރީގެ މިނިސްޓަރ އަމީރު ވަނީ މިހާރުގެ ސަރުކާރުގެ މާލީ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަމީރު ވިދާޅުވި ގޮތުގައި، މިހާރު ޑޮލަރުގެ ކަޅުބާޒާރުގެ ރޭޓު 21 ރުފިޔާއަށްވުރެ މައްޗަށް ގޮސްފައިވާއިރު، ކަޅުބާޒާރުންވެސް ޑޮލަރު ލިބުން ވަނީ ދަތިވެފައެވެ. އަދި މި ސަރުކާރުން ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހު ބަޖެޓަށް އެއްވެސް ޑޮލަރެއް އިތުރަށް ހޯދިފައި ނުވާ ކަމަށާއި، މިހާރު ލިބެމުންދާ ޑޮލަރަކީ އެމްޑީޕީ ސަރުކާރުން ވެފައިވާ އެއްބަސްވުންތަކުގެ ދަށުން ލިބޭ ފައިސާ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ. މީގެ އިތުރުން ޕެނަލިސްޓް އިލްޔާސް ލަބީބް ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ އިގްތިސާދުގައި ދައުރުވާ 78 ބިލިއަން ރުފިޔާ ދަނީ ގައުމަށް ލިބޭ މަދު ޑޮލަރުކޮޅެއްގެ ފަހަތުން "ދުވަމުންނެވެ."
މި ބައްދަލުވުމާ ގުޅިގެން ސަރުކާރު ހިންގާ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހާއި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވެސް ވަނީ އެމްޑީޕީއަށް ވަރަށް ބޮޑަށް ރައްދުދެއްވާފައެވެ.
ފަލާހު ވިދާޅުވި ގޮތުގައި އެމްޑީޕީއިން މިފަދަ ޕެނަލެއް ބޭއްވުމަކީ ރައްޔިތުންނަށް ކުރާ "މަލާމާތެކެވެ." އޭނާ ވިދާޅުވީ ކުރީ ސަރުކާރުން 8 ބިލިއަނަށްވުރެ ގިނަ ރުފިޔާ ޗާޕުކުރުމުގެ ސަބަބުން ދިވެހި ފައިސާގެ އަގުވެއްޓި ޑޮލަރުގެ މައްސަލަ ބޮޑުވިއިރު، މިހާރުގެ ސަރުކާރުން ދަނީ ދަރަނި ދައްކަމުން ކަމަށެވެ. އަދި މިހާރު ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށާއި ކިޔަވަންދާ ފަރާތްތަކަށް ބޭންކް ރޭޓުގައި 1،000 ޑޮލަރު ލިބޭތީ، މިއީ ފަހުގެ ތާރީޚެއްގައި އާންމުންނަށް ޑޮލަރު ލިބުން އެންމެ ފަސޭހަ ދުވަސްވަރު ކަމަށް ސަރުކާރުން ދަނީ ބުނަމުންނެވެ. އާންމުންގެ ފާޑުކިޔުންތަކާއި ސަރުކާރުގެ ރައްދުތަކާއެކު، އެމްޑީޕީގެ މި ހަރަކާތް ވެގެންގޮސްފައިވަނީ ސިޔާސީ މަސްރަހުގައި ބޮޑު ބަހުސަކަށެވެ.





