ހިޔާ ފްލެޓްތައް ލިބިފައިވާ މީހުންގެ ދިރިއުޅުން އިތުރަށް ތަނަވަސްކުރުމަށްޓަކައި ބޯހިޔާވަހިކަމުގެ އައު ފުރުސަތުތައް ހޯދައިދޭން ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށް ބިނާރާ ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ހިޔާ ފްލެޓްތަކުގައި އިތުރު ލިފްޓް ހަރުކޮށް ނިމުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ ހިޔާ ފްލެޓްގެ ދެ ކޮޓަރިއަށް ބަދަލުވި ގިނަ އާއިލާތަކެއްގެ ހާލަތު މިހާރު ބަދަލުވެ، ދަރިން ގިނަވުމުގެ ސަބަބުން އެހެން ތަންތަނަށް ބަދަލުވާން ބޭނުންވެފައިވާ ކަމަށެވެ. އެހެން ނަމަވެސް އެއްވެސް ބޯހިޔާވަހިކަމެއް ނެތް މީހުންނަށް އިސްކަން ދޭންޖެހޭތީ އެއީ ފަސޭހަ ކަމެއް ނޫން ނަމަވެސް، ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ވެސް ދިމާވެފައިވާ ދަތިތައް ހައްލުކޮށް، އެއަށް ވުރެ ތަނަވަސް ދިރިއުޅުމެއްގެ ފުރުސަތު ހޯދައިދޭން ސަރުކާރުން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ.
ހިޔާގެ ކޮންމެ ޓަވަރެއްގައި ގާތްގަނޑަކަށް 2،000 އެއްހާ މީހުން ދިރިއުޅޭ އިރު، އެ ރައްޔިތުންނަށް ފަސޭހަކަމާއި ލުއިތައް ހޯދައިދިނުމަކީ ސަރުކާރުން ވަރަށް އިސްކަމެއްދޭ ކަމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. ނަމަވެސް އެ ސަރަހައްދަށް ކަނޑައަޅާފައިވާ ހުސްޖާގަތަކުން ކުރިން ގޯތި ދީފައިވުމާއި އިތުރަށް ބިން ނެތުމުގެ ސަބަބުން ޚިދުމަތްތައް ގާއިމުކުރުމުގައި ގޮންޖެހުންތަކެއް ހުރިކަމަށް ވިދާޅުވިއެވެ. އެހެން ނަމަވެސް މިދިޔަ ދެ އަހަރުގެ ތެރޭގައި ހިޔާ ސަރަހައްދުގެ ރައްޔިތުންގެ ދިރިއުޅުން ފަސޭހަ ކުރަން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ގެދޮރުވެރިކަމާ ބެހޭ ވުޒާރާގެ ދިރާސާތަކުން ދައްކާގޮތުގައި މީގެ ކުރިން ބޯހިޔާވަހިކަމުގެ ދުރުރާސްތާ ޕްލޭނެއް އެކުލަވާލާފައެއް ނުވެއެވެ. މީގެ ސަބަބުން ކުރީގެ މަޝްރޫޢުތަކުން ފްލެޓް ލިބުނު ބައެއް ފަރާތްތައް މިހާރު އެތަންތަނުގައި ދިރިއުޅެން ބޭނުން ނުވާކަން ފާހަގަކުރެވެއެވެ. އެ ވުޒާރާއިން ގަބޫލުކުރާ ގޮތުގައި މިފަދަ ކަންކަމަށް ދާއިމީ ހައްލެއް ގެނެވޭނީ އެކި މީހުންގެ ހާލަތަށް ރިއާޔަތްކޮށްގެން ހައުސިން މަޝްރޫޢުތައް ކުރިއަށް ގެންގޮސްގެންނެވެ.
2018 ވަނަ އަހަރު ނިންމި 25 ބުރީގެ 16 ހިޔާ ޓަވަރަކީ ގިނަ ދަތިތަކަކާ އެކު ރައްޔިތުންނާ ހަވާލުކުރި ތަންތަނެވެ. އެގޮތުން އޭރު ވެރިކަމާ ހަވާލުވި ސަރުކާރުން އެތައް ބަހާނާއެއް ދައްކައި، ފްލެޓްތައް ހަވާލުނުކޮށް ދެތިން އަހަރު ހޭދަކުރިއެވެ. އަދި ރައްޔިތުންގެ ޝަކުވާ ބޮޑުވެގެން ފްލެޓްތައް ހަވާލުކުރިއިރު ވެސް ފިނިޝިންގ މަސައްކަތް ނުނިންމުމާއި، ކޮޓަރީގެ ދޮރުތައް ނެތުމާއި، އަދި އަސާސީ ޚިދުމަތްތައް ގާއިމުނުކޮށް ހުރުމުގެ ސަބަބުން ރައްޔިތުންނަށް ބޮޑު މާޔޫސްކަމެއް ލިބުނެވެ.
ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ ހިޔާގެ ރައްޔިތުންނަށް ބޮޑެތި ލުއިތަކެއް ހޯދައިދީފައެވެ. އެގޮތުން ފްލެޓްތަކުގެ ފިނިޝިންގ މަސައްކަތަށް ރައްޔިތުން ކުރި ޚަރަދުން 200،000 ރުފިޔާ އުނިކޮށްދެއްވައި، މަހު ކުލި ވެސް ވަނީ ކުޑަކޮށްދެއްވާފައެވެ. މީގެ އިތުރުން، ކޮންމެ ފްލެޓެއްގައި އިތުރު ދެ ލިފްޓު ހަރުކޮށްދީފައިވާ އިރު، މި ލިފްޓުތަކަކީ ބަލިމީހުން އުފުލާ ސްޓްރެޗަރ ވެސް ފަސޭހައިން އެރުވޭ ފަދަ ޖާގަ ތަނަވަސް ލިފްޓުތަކެއްކަން ފާހަގަކޮށްލެވެއެވެ.




