ޔޫ.އެސް ޑިޕާޓްމަންޓް އޮފް ސްޓޭޓް، ބިއުރޯ އޮފް އިންޓަނޭޝަނަލް ނާކޮޓިކްސް އެންޑް ލޯ އެންဖޯސްމަންޓް އެފެއާޒް (އިންލް) ގެ ފަރާތުން ދިވެހި ފުލުހުންގެ ޚިދުމަތަށް ޑްރަގް ޓެސްޓް ކިޓްތަކެއް ހަދިޔާކޮށްފިއެވެ. އިސްކަންދަރު ބިލްޑިންގ ގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން މި ތަކެއްޗާ ހަވާލުވެލެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދެވެ.
މި ތަކެތި ފުލުހުންގެ ޚިދުމަތާ ހަވާލުކޮށްދެއްވީ ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫ.އެން.އޯ.ޑީ.ސީ) ގެ ފަރާތުން އެންރިކޯ ބޮނިންގސެނާއާއި، މިހްޔަރ އަލް ނިފެއިޑީއެވެ. މި ރަސްމިއްޔާތުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ އެގްޒެކެޓިވް ބައެއް އޮފިސަރުންނާއި ޔޫ.އެން.އޯ.ޑީ.ސީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް ދެއްކެވި ވާހަކަފުޅުގައި، ޔޫ.އެސް އިންލް އަށާއި ޔޫ.އެން.އޯ.ޑީ.ސީއަށް ޚާއްސަ ޝުކުރެއް އަދާކުރެއްވިއެވެ. ކޮމިޝަނަރ ވިދާޅުވީ މިއަދު ހަވާލުކުރެވުނު ޑްރަގް ޓެސްޓް ކިޓްތަކާއެކު، މަސްތުވާތަކެތީގެ މައްސަލަތަކުގައި ފްރަންޓްލައިންގައި ހަރަކާތްތެރިވާ ފުލުހުންގެ މަސައްކަތްތައް އެތައް ގުނައެއް އަވަސްވެ، އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި މިއީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، މައްސަލަތަކުގެ ތަހުގީގުތައް ކުރިއަށްްގެންދިއުމަށް ލިބުނު ބޮޑު ކުރިއެރުމެއްކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ފުލުހުންނަށް މިއަދު ހަވާލުކުރި 150 ޑްރަގް ޓެސްޓް ކިޓަކީ ވަރަށް އަވަސް އަދި އިތުބާރު ހުރި ނަތީޖާ ލިބޭ ގޮތަށް ފަރުމާކޮށްފައިވާ ކިޓްތަކެކެވެ. މި ކިޓްތަކުގެ އެހީގައި ގިނަ ބާވަތްތަކުގެ މަސްތުވާތަކެތި ފަސޭހަކަމާއެކު ދެނެގަނެވޭނެއެވެ. މީގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ފުލުހުން ހިންގާ އެކި އޮޕަރޭޝަންތަކަށާއި ތަހުގީގުގެ މަރުހަލާތަކަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ.




