މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ތަފާސްހިސާބުތަކުން ދައްކާގޮތުން، މިދިޔަ މަހު ރާއްޖޭގެ ސީ-ޓު-އެއަރ ކާގޯ ޚިދުމަތް މެދުވެރިކޮށް 335 އަށްވުރެ ގިނަ ޓަނުގެ މުދާ ވަނީ ރާއްޖެއިން ބޭރަށް ފޮނުވާފައެވެ. މިއީ ކޮންޓެއިނަރުގެ އަދަދުން ބަލާނަމަ 65 ޓީއީޔޫސް އެވެ.
މިދިޔަ މަހު ފޮނުވި މުދަލުގެ އަދަދަކީ މޭ މަހާ އަޅާބަލާއިރު %102 އިތުރު އަދަދެކެވެ. މޭ މަހު މި ޚިދުމަތް މެދުވެރިކޮށް ފޮނުވާފައިވަނީ 162 ޓަނުގެ މުދަލެވެ.
މިދިޔަ މަހު 4 އެއާލައިނެއް މެދުވެރިކޮށް ދުނިޔޭގެ 7 ޤައުމަކަށް މުދާ ފޮނުވާފައިވެއެވެ. އެ އެއާލައިންތަކަކީ:
-
ޤަތަރު އެއަރވޭސް
-
ޓާކިޝް އެއަރލައިންސް
-
ސަޢުދިއާ
-
އެމިރޭޓްސް
ސީ-ޓު-އެއަރ ކާގޯއަކީ ކޮބާ؟
ކަނޑުމަގުން ރާއްޖެއަށް އަންނަ މުދާ، ރާއްޖޭގައި ޓްރާންސިޓުކުރުމަށްފަހު ވައިގެ މަގުން ދުނިޔޭގެ އެހެން ޤައުމުތަކަށް ފޮނުވުމުގެ ޚިދުމަތެވެ.
މި ޚިދުމަތަކީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި އެމްޕީއެލް ގުޅިގެން ފޯރުކޮށްދެމުން އަންނަ ޚިދުމަތެކެވެ. ރާއްޖޭގައި މި ޚިދުމަތް ރަސްމީކޮށް ފަށާފައިވަނީ 2024 ވަނަ އަހަރުގެ މޭއި މަހުގެ ތެރޭގައެވެ.
ސަރުކާރުން އުންމީދު ކުރައްވާ ގޮތުގައި، ރާއްޖެއަކީ ބައިނަލްއަޤްވާމީ ގިނަ އެއާލައިންތަކެއް ދަތުރުކުރާ މަންޒިލަކަށް ވުމުން، މި ޚިދުމަތް ފުޅާކޮށްގެން ދިވެހި އިޤްތިޞާދަށް ބޮޑެތި މަންފާތަކެއް ހޯދުމުގެ ފުރުޞަތު އެބައޮތެވެ. ދުނިޔޭގެ ކުރިއަރާފައިވާ ގިނަ ޤައުމުތަކުން ވެސް މިފަދަ ޚިދުމަތްތައް މެދުވެރިކޮށް އެޤައުމުތަކުގެ އިޤްތިޞާދަށް ބޮޑު އާމްދަނީއެއް ހޯދަމުންދެއެވެ.




