ހުޅުމާލޭގެ ދުވާރުތަކުގައި އުޅަނދު ޕާކު ކުރުން އިތުރުވަމުން އަންނާތީ އެކަން ނުކުރުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، ހުޅުމާލޭގެ މަގުތަކުގައި ހިނގާ ބިނގާވެ އުޅޭ މީހުންނަށް ހާއްސަކޮށްފައިވާ ދުވާރުތަކުގައި އުޅަނދު ޕާކުކުރުން އިތުރުވަމުންދާތީ، އެފަދަ ސަރަހައްދުތަކުގައި އުޅަނދު ޕާކުނުކުރުމަށް އެންމެހައި ފަރާތްތަކަކަށް އިލްތިމާސްކުރާ ކަމަށެވެ.
އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ 55 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން، ފައިމަގުގައި ހިނގުމަށް ހާއްސަކުރެވިފައިވާ ދުވާރުތަކާއި ސަރަހައްދުތަކުގައި، ކުޑަކުދިންގެ ޕްރޭމާއި އާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން ބޭނުންކުރާ، އިންސާނީ ހަކަތަ ބޭނުންކޮށްގެން ދުއްވާ ފުރޮޅުލީ ގޮނޑި ފިޔަވައި، އެހެން އެއްވެސް ބާވަތެއްގެ އުޅަނދެއް ދުއްވުމަކީ ނުވަތަ ޕާކުކުރުމަކީ ގާނޫނީގޮތުން މަނާކަމެއް ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
މާލޭގެ މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ފުލުހުން މިހާރުވެސް ދަނީ ޓޯ ކުރަމުންނެވެ. ނަމަވެސް، ހުޅުމާލޭގެ ދުވާރުތަކުން އުޅަނދުތައް ޓޯ ކުރަން ފަށާނީ ކޮން އިރަކުން ކަމެއް ފުލުހުންގެ އިދާރާއިން އަދި ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.




