ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކުރި އިންޑިއާގެ ދެ ބިދޭސީންގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އިތުރުކޮށްފިއެވެ.
މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އިންޑިއާގެ ދެ ރައްޔިތުން ކަމަށްވާ ޖެނިފާ ޕައުލް އާއި އުލްފަތު ރަސޫލް އެވެ. ކްރިމިނަލް ކޯޓުން އިއްޔެ ވަނީ މި ދެ މީހުންގެ ބަންދުގެ މުއްދަތަށް އިތުރު 30 ދުވަސް ޖަހާފައެވެ.
މި ދެ މީހުން ރާއްޖެއިން ހިފެހެއްޓީ މިދިޔަ އެޕްރީލް މަހުގެ 1 ވަނަ ދުވަހުއެވެ. ފުލުހުންގެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، މި ދެ މީހުންނަކީ ދެ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކުރަން އުޅެނިކޮށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއަށް ފާހަގަކުރެވިގެން ހިފެހެއްޓުމަށްފަހު، ފުލުހުންނާ ހަވާލުކުރި ދެ މީހުންނެވެ.
މި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މީގެ ކުރިން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ނެރުނު ކޯޓު އަމުރުން އެނގޭ ގޮތުގައި، މި މަސްތުވާތަކެތި ފެނިފައިވަނީ އެ މީހުން ރާއްޖެއަށް ގެނައި ލަގެޖުގެ ތެރޭގައި ހުރި ކޮސްމެޓިކްސް ބޭނުންކުރާ ދެ ފުޅިއެއްގެ ތެރެއިންނެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.




