އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާގައި ބައިވެރިވުމުގެ ފުރުސަތު އެ ވުޒާރާއިން މިއަދު ހުޅުވާލައިފިއެވެ.
ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން ބާއްވާ މި ޚާއްސަ މަހާސިންތާ ކުރިއަށްދާނީ އަންނަ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހުއެވެ. މި މަހާސިންތާގައި ބައިވެރިވާން އެދޭ ފަރާތްތަކުން މި މަހުގެ 15 ވާ ބުދަ ދުވަހުގެ ކުރިން އެޕްލިކޭޝަން ފޯމު ހުށަހަޅަންޖެހޭނެ ކަމަށް އެ ވުޒާރާއިން ބުނެއެވެ.
އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި މި މަހާސިންތާގައި ބައިވެރިވުމުގެ ފުރުސަތު އޮތީ ވަކި ޝަރުތުތަކެއް ފުރިހަމަވާ ފަރާތްތަކަށެވެ. އޭގެ ތެރޭގައި ޒުވާން ޚަޠީބުންގެ ތަމްރީނު ފުރިހަމަކޮށް ސެޓްފިކެޓް ހާސިލްކޮށްފައިވާ ފަރާތްތަކާއި، ރަމަޟާން މަހު އިމާމުވެ ޙިފްޡުކޮށް ތަރާވީޙް ނަމާދުކޮށްފައިވާ ޙާފިޡުން ހިމެނެއެވެ. މީގެ އިތުރުން މިހާރުވެސް ރާއްޖޭގެ މިސްކިތްތަކުގައި އިމާމުކަމާއި ޚަޠީބުކަން ކުރައްވަމުންދާ އުމުރުން 30 އަހަރު ނުފުރޭ ޒުވާނުންނަށްވެސް މި މަހާސިންތާގައި ބައިވެރިވެވޭނެއެވެ.
މި މަހާސިންތާއާ ބެހޭގޮތުން އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، މިއީ ދިވެހިރާއްޖޭގެ ކުރިއަށް އޮތް އިސްލާމީ ޤަރުނުގައި، ރާއްޖޭގެ އިސްލާމީ ޝިއާރު ފާޅުކުރުމުގެ އިސްދައުރު އަދާކުރާނެ ޒުވާން ޚަޠީބުންނާއި ޙާފިޒުންނަށް ވަރަށް މުހިންމު މުނާސަބަތަކަށް ވާނެ ކަމަށެވެ. އެގޮތުން މިހާރު ރާއްޖޭގައި 621 ޒުވާން ޚަޠީބުންނާއި 310 ޙާފިޡުން ތިބިކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މި މަހާސިންތާ އިތުރަށް ޝަރަފުވެރިކުރުމުގެ ގޮތުން މައްކާގެ ޙަރަމްފުޅުގެ އިމާމު ފަޟީލަތުއްޝައިޚު ޑރ. ޔާސިރް އައްދައުސަރީއަށް މިހާރު ވުޒާރާގެ ފަރާތުން ދައުވަތު އަރުވާފައިވާ ކަމަށްވެސް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ.




