ޕޭ ފްރޭމްވޯކަށް ގެނެވުނު ބަދަލުތަކާ ގުޅިގެން މުދައްރިސުންގެ ހުރި ކަންބޮޑުވުންތައް މުރާޖައާ ކުރައްވާނީ ސީދާ ޓީޗަރުންގެ ބައިވެރިވުމާ އެކުގައި ކަމުގެ ޔަގީންކަން މިނިސްޓާ އޮފް އެޑިޔުކޭޝަން، ހަޔާ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑރ. އިސްމާއީލް ޝަފީއު ދެއްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، މުދައްރިސުންނަކީ ގައުމު ބިނާކުރާ މޭސްތިރިން ކަމަށްވާތީ، އެންމެ ފުރިހަމަ މުސާރަ އާއި އިނާޔަތްތަކެއް ލިބެންޖެހޭނީ އެ ބޭފުޅުންނަށް ކަމަށެވެ. އަދި މި މައްސަލައިގައި މާލެ އާއި އަތޮޅުތެރޭގެ 15 އަތޮޅެއްގެ ގިނަ އަދަދެއްގެ ޓީޗަރުންނާ ބައްދަލުކުރައްވައި، އެ ފަރާތްތަކުގެ ޝަކުވާތައް ގާތުން އަޑުއައްސަވާފައިވާ ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މުސާރައިގެ އޮނިގަނޑުން ދިމާވާ މައިގަނޑު މައްސަލަ ހިއްސާކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ކުރީގެ ސަރުކާރުން އެކުލަވައިލި ޕޭ ފްރޭމްވޯކުގައި ޑިގްރީ ޓީޗަރުންނަށް ސްޓެޕް ޕްރޮމޯޝަން ދިނުމަށްފަހު، މާސްޓާސް ހެދުމަށް ހަތަރު އަހަރުގެ މުއްދަތެއް ދީފައިވާ ކަމަށެވެ. ނަމަވެސް، މިހާރު ހުރި އޮނިގަނޑު އޮތްގޮތުން، ޑިގްރީގެ މަރުހަލާގައި ސްޓެޕް ޕްރޮމޯޝަން ލިބިފައި ހުންނަ މުދައްރިސަކު މާސްޓާސް ޑިގްރީ ހާސިލްކޮށްގެން އެ ހަރުފަތަށް ބަދަލުވުމުން މުސާރަ ދަށްވާ ފަދަ ނަތީޖާއެއް ނިކުންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެހެންކަމުން، އެ މައްސަލަ އެ ފުރިހަމައަށް ހައްލުނުކޮށް، ޓީޗަރުން މާސްޓާސްގެ ގޮޅިއަށް ބަދަލުކުރެވެން ނެތް ކަމަށާއި، މިހާރުގެ ސަރުކާރުން މަސައްކަތް ކުރަމުންދަނީ އެފަދަ ހުރިހާ ހުރަސްތަކެއް ނައްތާލައި ޓީޗަރުންނަށް ހައްގު މުސާރަ ކަށަވަރުކޮށްދިނުމަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.




