މަގުބޫލު އުޒުރެއް ނެތި ސްކޫލަށް ހާޒިރުނުވާ ދަރިވަރުންނާ މެދު ހަރުކަށި ފިޔަވަޅު އެޅުމަށް ހުރިހާ ސްކޫލްތަކަށް މިހާރު އަންގާފައިވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޝަފީއު މީގެކުރިން ހާމަކުރެއްވި ގޮތުގައި، މި ދުވަސްވަރު ދުވާލަކު އެވްރެޖްކޮށް 8،000 އެއްހާ ކުދިން ސްކޫލަށް ހާޒިރުނުވެއެވެ. އޭގެ ތެރެއިން 40 އިންސައްތައަކީ މާލެ ސަރަހައްދުގެ ސްކޫލްތަކަށް ނިސްބަތްވާ ދަރިވަރުންކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ގަވާއިދުން ސްކޫލަށް ހާޒިރުނުވެ ފިލާވަޅުތައް ގެއްލޭނަމަ ކުދިންގެ ނަތީޖާއަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމަށެވެ. އަދި ދަރިވަރުންގެ ފެންވަރު އެކަށީގެންވާ މިންވަރެއްގައި ހިފެހެއްޓުމަށްޓަކައި ސްކޫލަށް ދިއުން މަޖުބޫރުކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ދަރިވަރުންގެ ހާޒިރީ ބެލުމުގެ ނިޒާމަކީ ކުރީގެ ރައީސް ޔާމީންގެ ޕީޕީއެމް ސަރުކާރުގައި އެންމެ ފުރަތަމަ ފެށި ހަރުދަނާ މަސައްކަތެއް ކަމަށެވެ. ނަމަވެސް، އޭގެ ފަހުން އައި އެމްޑީޕީގެ ސަރުކާރުން އެކަން ދޫކޮށްލާފައި އޮތުމުން ގަވާއިދުން އެޓެންޑެންސް ހިއްސާކޮށްފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް، މިއަހަރުގެ ޖޫން މަހުން ފެށިގެން ގެނައި ބަދަލާއެކު، ކޮންމެ ދުވަހެއްގެ ހާޒިރީ އެޑިއކޭޝަން މިނިސްޓްރީއަށް ފޮނުވުން ސްކޫލްތަކަށް މިހާރު މަޖުބޫރުވާނެ ކަމަށާއި، މި ބަދަލުގެ ތެރެއިން ގިނަ އަދަދެއްގެ ކުދިން ސްކޫލަށް ނުދާކަން ސާފުކޮށް ދެނެގަނެވިފައިވާ ކަމަށް ޝަފީއު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ކުދިން ސްކޫލަށް ނުދިއުމަކީ ގައުމުގެ އިންސާނީ ވަސީލަތް ތަރައްގީކުރުމަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަންބޮޑުވާންޖެހޭ މައްސަލައެއް ކަމަށެވެ. އެގޮތުން، މިދިޔަ ދެ ހަފުތާގެ ތެރޭގައި މާލޭގެ ސްކޫލްތަކުގެ ޕްރިންސިޕަލުންނާ ސީދާ ބައްދަލުކުރައްވައި، މިފަދަ ދަރިވަރުންނާ މެދު އެކަށީގެންވާ ފިޔަވަޅު އެޅުމަށް އަންގާފައިވާނެ ކަމަށް ވިދާޅުވަމުން، ދަރިވަރަކު ސްކޫލަށް ނުގޮސް ގޭގައި ހުރި ނަމަވެސް އެކަން އެގޮތަށް ދޫކޮށްނުލައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން މިނިސްޓަރު ޝަފީއު ދެއްވިއެވެ.




