އުމުރުން ދުވަސްވީ މީހުންގެ ނިސްބަތް އިތުރުވަމުންދާ ދަނޑިވަޅެއްގައި، ސިއްހީ ނިޒާމު ހަރުދަނާކޮށް އެފަދަ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ޒުވާނުންގެ ދުޅަހެޔޮކަމަށް އިންވެސްޓްކުރުން ލާޒިމު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ އާބާދީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖުގައި އެމަނިކުފާނު ވިދާޅުވީ، ޒުވާން އުމުރުގައި ދުޅަހެޔޮ އާދަތައް އަށަގަންނުވައިގެން ދިގު މުއްދަތަކަށް ދެމިގެންދާ ބަލިތަކުން ރައްކާތެރިކުރުމަކީ، އުމުރުން ދުވަސްވުމުން ދިމާވާ ސިއްހީ މައްސަލަތައް ފަސްކޮށް، ގައުމަށް ބޭނުންތެރި އުފެއްދުންތެރި މަސައްކަތްތެރި އާބާދީއެއް ބިނާކުރެވޭނެ ކަމެކެވެ. މީގެ އިތުރުން، މިފަދަ އިންވެސްޓްމަންޓްތަކުގެ ސަބަބުން ދުވަސްވީ މީހުންނަށް ފެންވަރު ރަނގަޅު ފަރުވާ ލިބި، އާއިލާތަކުން (ހާއްސަކޮށް އަންހެނުން) އާމްދަނީއެއް ނުލިބޭ ގޮތަށް މީހުން ބެލެހެއްޓުމަށް ކުރާ ބުރަ މަސައްކަތްތަކަށް ލުޔެއް ލިބި، ވިލުންތެރި އަދި ޝާމިލު މުޖުތަމައެއް ބިނާކުރެވޭނެއެވެ.
ދެމެހެއްޓެނިވި ތަރައްގީ ބަރޯސާވަނީ ހަމައެކަނި އާބާދީގެ ބޮޑުމިނަށް ނޫންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެއީ ޒުވާނުންގެ ހުރި ގާބިލިއްޔަތުތަކުގެ ބޭނުން ހިފޭނެހެން އެމީހުން ބާރުވެރިކުރެވޭ މިންވަރާ ގުޅިފައިވާ ކަމެއް ކަމަށެވެ. ރާއްޖޭގެ އާބާދީގެ 39 އިންސައްތައަކީ ޒުވާނުން ކަމަށްވާއިރު، އެފަރާތްތަކަށް ރަނގަޅު ތައުލީމާއި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަކީ ސަރުކާރުގެ ބޮޑު އަމާޒެކެވެ.
މީގެ އިތުރުން، އާބާދީގެ އޮނިގަނޑަށް އަންނަ ބަދަލުތަކާއެކު، "މޯލްޑިވްސް 2.0" ގެ ދަށުން އާންމު ހިދުމަތްތައް ޒަމާނީކޮށް، ޑިޖިޓަލް ބިނާރާއި ޑިޖިޓަލް އިގްތިސޯދެއް ގާއިމުކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. އަދި ދައުލަތުގެ ހިންގުމުގެ ހަރަދު ކުޑަކޮށް، ކުރުންތެރިކަން އިތުރުކުރުމަށްޓަކައި ހެކީގެ މައްޗަށް ބިނާކޮށް ސިޔާސަތުތައް އެކަށައެޅުމަށް ރަށު ފެންވަރުގައި އިދާރީ ދަފުތަރުތައް އަދާހަމަކުރަމުންދާއިރު، އެއްވެސް މީހަކު ބާކީނުވާނެ ފަދަ ގާނޫނީ އިސްލާހުތަކާއެކު 2030 ވަނަ އަހަރުގެ ބޯހިމެނުން ކުރިއަށްގެންދަން ނިންމާފައިވަނީ އިދާރީ ދަފުތަރުތަކާއި ސަގާފީ އުސޫލުތައް އެކުލެވޭ ހައިބްރިޑް ނިޒާމެއްގެ ދަށުން ކަމަށް ރައީސް ވިދާޅުވިއެވެ.





