ވެރިކަންކުރާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އެތެރޭގެ ބޮޑު އިންތިހާބުގައި 33،000 އާ ގާތްކުރާ އަދަދަކަށް މެންބަރުން ވޯޓުލާފައިވާ ކަމަށް އެ ޕާޓީން ބުނެފިއެވެ.
މިއަދު ހެނދުނު 9:00 އިން ހަވީރު 4:00 އަށް ކުރިއަށްދިޔަ މި އިންތިހާބަކީ ޕާޓީގެ ސްޓިއަރިން ކޮމިޓީތަކުގެ ރައީސުންނާއި ނައިބު ރައީސުން ހިމެނޭހެން ތަފާތު މަގާމުތަކަށް މެންބަރުން އައްޔަނުކުރުމަށް ބޭއްވި އިންތިހާބެކެވެ.
އިންތިހާބުގެ ވޯޓުލުން ނިމުމުން ނޫސްވެރިންނާ ބައްދަލުކުރައްވައި، ކޮންގްރެސް ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ، ރާއްޖޭގެ އެކި ރަށްތަކުގައި ބެހެއްޓުނު 119 ވޯޓު ފޮއްޓަށް 32،000 އާއި 33،000 އާ ދެމެދުގެ އަދަދަކަށް މެންބަރުން ވޯޓުލާފައިވާ ކަމަށެވެ.
ޕީއެންސީގެ ޖުމްލަ 69،000 މެންބަރުންގެ އާބާދީގެ ތެރެއިން މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވީ 40،000 މެންބަރުންނަށެވެ. ޢަބްދުއްރަހީމް ފާހަގަކުރެއްވި ގޮތުގައި، ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ނިސްބަތަށް ބަލާއިރު މިއީ ގާތްގަނޑަކަށް 85 އިންސައްތަ މެންބަރުންގެ ބައިވެރިވުމެކެވެ. މިއީ ޕާޓީގެ ރައީސް، ރައީސް ޑރ. މުހައްމަދު މުޢިއްޒަށާއި ސަރުކާރަށް ރައްޔިތުންގެ ބޮޑު އިތުބާރަކާއި ތާއީދެއް އޮތްކަން ހާމަކޮށްދޭ ނަތީޖާއެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މި އިންތިހާބުގެ ޒަރީއާއިން ޖުމްލަ 2،400 މަގާމަކަށް މެންބަރުން ހޮވޭނެއެވެ. މީގެ އިތުރުން، މިހާރުވެސް އިންތިހާބީ މަގާމުތަކުގައި ތިއްބެވި ޕާޓީގެ މެންބަރުންނާއެކު، ޕީއެންސީގެ އެކި ފަންތީގެ މަގާމުތަކުގައި ތިބޭ މެންބަރުންގެ ޖުމްލަ އަދަދު 3،000 އަށްވުރެ މައްޗަށް އަރާނެއެވެ.




