ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާއި، އުސޫލުތަކާ ޚިލާފަށް ވިޔަފާރިކުރާ ފަރާތްތައް ހޯދުމަށް ކުރިއަށްގެންދާ ހާއްސަ އޮޕަރޭޝަންގެ ތެރެއިން، ތިލަފުށި ބަލައިފާސްކޮށް 32 ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން މިއަދު ހާމަކުރި ގޮތުގައި، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އެ އިދާރާގެ ޓާސްކުފޯހުން އިއްޔެ ވަނީ ތިލަފުށީގައި ހާއްސަ ރެއިޑް އޮޕަރޭޝަނެއް ހިންގާފައެވެ. މި އޮޕަރޭޝަނުގައި ޖުމްލަ 836 ބިދޭސީން ބަލައި ފާސްކޮށްފައިވާއިރު، އޭގެ ތެރެއިން ގަވާއިދާ ޚިލާފަށް އުޅެމުންދިޔަކަން ފާހަގަކުރެވުނު 32 މީހަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.
ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ބަލާއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވި "އޮޕަރޭޝަން ކުރަނގި" ގެ ދަށުން މިހާތަނަށް ގިނަ ކުރިއެރުންތަކެއް ވަނީ ހޯދާފައެވެ. އެގޮތުން، ސައްހަ ވޯކްޕާމިޓްގައި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ 98 އިންސައްތަ މީހުންގެ ބަޔޮމެޓްރިކްސް (އިނގިލީގެ ނިޝާނާއި ފޮޓޯ އަދި މައުލޫމާތު) މިހާރު ވަނީ އެއްކުރެވިފައެވެ. ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ހަ މަސްދުވަހުގެ ތެރޭގައި ބާކީ ތިބި ފަރާތްތައް ހޯދައި، ގަވާއިދާ ޚިލާފަށް އުޅޭ މީހުން ޑީޕޯޓްކުރުމުގެ މަސައްކަތް ނިންމާލުމެވެ.

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް އިމިގްރޭޝަނުން ދަނީ ހުއްޓުމެއްނެތި ބޮޑެތި އޮޕަރޭޝަންތައް ހިންގަމުންނެވެ. މިދިޔަ އަހަރާއި މި އަހަރުގެ ތެރޭގައި ހިންގުނު މިފަދަ ރެއިޑްތަކުގައި ގިނަ އަދަދެއްގެ ބިދޭސީން ވަނީ އަތުލައިގަނެފައެވެ. އަދި މި އޮޕަރޭޝަންތަކުގައި އަތުލައިގަނެ، ޑިޕޯޓޭޝަން ސެންޓަރުގައި ބަންދުކުރެވޭ ފަރާތްތައް، ވީ އެންމެ އަވަހަކަށް އެމީހުންގެ ގައުމުތަކަށް އަނބުރާ ފޮނުވުމުގެ އިދާރީ މަސައްކަތްތައް ވެސް އިމިގްރޭޝަނުން ދަނީ މެދުކެނޑުމެއްނެތި ކުރަމުންނެވެ.





