ކުތުބުހާނާތަކަކީ ދިރިއުޅުމުގެ އެކި ބޭނުންތަކަށް ބޭނުންވާ ސައްހަ މައުލޫމާތު ހޯދައިދިނުމުގައި މަގުދައްކައިދޭ މުހިންމު ބާރެއް ކަމަށް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ޤައުމީ ކުތުބުހާނާއަށް 81 އަހަރު ފުރުމުގެ ބަރަކާތްތެރި މުނާސަބަތާ ގުޅިގެން ކުރެއްވި ޕޯސްޓެއްގައެވެ.
ހީނާ ވަލީދު ފާހަގަކުރެއްވި ގޮތުގައި، އިލްމީ އަދި ހިލްމުވެރި (ވިސްނުންތެރި) މުޖުތަމައެއް ބިނާކުރުމުގައި ކުތުބުހާނާތަކުން އަދާކުރަނީ ބަދަލުނުކުރެވޭނެ ފަދަ މުހިންމު ދައުރެކެވެ. ކިޔުންތެރިކަން ކުރިއެރުވުމުގެ އިތުރުން، އާންމު ދިރިއުޅުމުގައި އިތުބާރު ހުރި މައުލޫމާތު ހޯދުމަށް އެހީތެރިވެދޭ މަރުކަޒުތަކަކަށް ކުތުބުހާނާތައް ވާންޖެހޭކަން އެމަނިކުފާނު ބަޔާންކުރެއްވިއެވެ.
ޤައުމީ ކުތުބުހާނާއަށް 81 އަހަރު ފުރިގެންދިޔައިރު، އެތަނުގެ ހިދުމަތްތައް ޒަމާނީކޮށް ފުޅާކުރުމަށް ސަރުކާރުން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ކުތުބުހާނާގެ ފޮތްތަކާއި ވަސީލަތްތައް މުއްސަނދިކުރުމުގެ މަޝްރޫއުތައް ދަނީ ހިންގަމުންނެވެ.
މީގެ އިތުރުން، ރާއްޖޭގެ މުއްސަނދި ތާރީޚާއި ސަގާފަތް އަންނަން އޮތް ޖީލުތަކަށް ދައްކައިދީ، މައުލޫމާތު ފަސޭހައިން ލިބޭނެ މަގު ފަހިކުރުމުގެ ގޮތުން، އަތޮޅުތެރޭގެ އެކި ސަރަހައްދުތަކުގައި ވެސް ކުތުބުހާނާތައް ގާއިމުކުރުމުގެ އަމަލީ މަސައްކަތް މި ސަރުކާރުން މިހާރު ވަނީ ފަށާފައެވެ.




