ވޭތުވެދިޔަ ހަފުތާގެ ތެރޭގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ނުރައްކާތެރި އަލިފާނުގެ ހަތް ހާދިސާއެއް ހިނގާފައިވާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހާމަކޮށްފިއެވެ.
އެމްއެންޑީއެފުން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މި ހިނގާ ޖުލައި މަހުގެ 5 އިން 11 ގެ ނިޔަލަށް އެ އިދާރާގެ ފަޔާ އެންޑް ރެސްކިޔު ސާވިސް (އެފްއާރްއެސް) އިން ޖުމްލަ 13 ކުއްލި ހާދިސާއަކަށް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. މީގެ ތެރޭގައި އަލިފާނުގެ ހާދިސާތަކުގެ އިތުރުން، ނުރައްކާތެރި ކެމިކަލް ނުވަތަ މާއްދާތައް ލީކުވުމުގެ (ހެޒްމެޓް) ތިން ހާދިސާއަކާއި، މީހުން ސަލާމަތްކުރުމުގެ ހާދިސާއެއްގެ އިތުރުން މެޑިކަލް އިމަޖެންސީގެ ހާދިސާއެއް ހިމެނެއެވެ. މި ހާދިސާތަކުގެ ތެރެއިން 11 ހާދިސާއެއް ހިނގާފައިވަނީ މާލެ ސަރަހައްދުގައެވެ.
ވޭތުވެދިޔަ ހަފުތާގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިނގި ކުއްލި ނުރައްކާތަކުގެ 13 ހާދިސާއަކަށް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް (އެފްއާރްއެސް)އިން ހަރަކާތްތެރިވެ، އެހީތެރިކަން ފޯރުކޮށްދީފައިވޭ. pic.twitter.com/lbSYoUN057
— Maldives National Defence Force (@MNDF_Official) July 12, 2026
މި ހަފުތާގެ ތެރޭގައި ހިނގި ބައެއް ބޮޑެތި ހާދިސާތަކަށް ބަލާއިރު، ގ. ފުންފަޅު ގޭގައި ރޯވި ބޮޑު އަލިފާނުގެ ހާދިސާއާ ގުޅިގެން ހާލުގައި ޖެހުނު 109 މީހުންނަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަނީ ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމު ހަމަޖައްސައިދީފައެވެ.
މީގެ އިތުރުން ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ފްލެޓެއްގައި ރޯވި ހާދިސާގައި 15 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ދޭންޖެހުނުއިރު، ދުމުގެ އަސަރުކޮށްގެން ދެ ކުޑަކުދިން ހިމެނޭހެން ފަސް މީހަކަށް ހޮސްޕިޓަލުގައި ފަރުވާދީފައިވެއެވެ.
އަދި މިދިޔަ ބުރާސްފަތި ދުވަހު އެކަނިވެސް މާލޭގެ ގ. ހަލަވެލި ގޯޅީގައި ހުރި ގެއެއްގެ ގޮދަނޑިއެއްގައި ރޯވުމާއި، މާފަންނު ޖަޔާކުޝަން ކައިރީ ހުރި މީހުން ދިރިނޫޅޭ އިމާރާތެއްގައި ރޯވުމުގެ ސަބަބުން ކައިރި ގެއަކުން 10 ބިދޭސީން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ހުސްކުރަން ޖެހުނު ހާދިސާތައް ހިމެނެއެވެ




