ވޭތުވެދިޔަ ދެ އަހަރާއި ބައިގެ މުއްދަތުގެ ތެރޭގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކަސްޓަމަރުންގެ އެކި ބޭނުންތަކަށް ރެކޯޑް އަދަދަކަށް ބޭރު ފައިސާ ވިއްކާފައިވާކަން އެ ބޭންކުން ހާމަކޮށްފިއެވެ.
އެގޮތުން 2024 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ބޭންކުން ވަނީ ޖުމްލަ 1.7 ބިލިޔަން ޑޮލަރު ވިއްކާފައެވެ. މިއީ އޭގެ ކުރީގެ ދެ އަހަރާއި ބައިގެ މުއްދަތާ އަޅައިބަލާއިރު 77 އިންސައްތައިގެ އިތުރުވުމެކެވެ. އެ މުއްދަތުގައި ބޭންކުން ވިއްކާފައިވަނީ 957 މިލިޔަން ޑޮލަރެވެ. ބޭންކުން ވިއްކި ފައިސާގެ ތެރޭގައި ކާޑު މުއާމަލާތްތަކާއި، ޓެލްގްރެފިކް ޓްރާންސްފަރ (ޓީޓީ)، ތައުލީމާއި ބޭސްފަރުވާގެ އިތުރުން ދަތުރުވެރިންނަށް ވިއްކި ފައިސާ ހިމެނެއެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި ދިވެހި ރުފިޔާ އެކައުންޓުތަކުން ކުރި ކާޑު މުއާމަލާތްތަކަށް ފާއިތުވި ދެ އަހަރާއި ބައިގެ ތެރޭގައި 870 މިލިޔަން ޑޮލަރު ވަނީ ދޫކޮށްފައެވެ. މިއީ ކުރީގެ މުއްދަތާ އަޅައިބަލާއިރު ދެގުނަ އިތުރު އަދަދެކެވެ. 2021 ވަނަ އަހަރު މަހެއްގެ މައްޗަށް އެވްރެޖްކޮށް 10.7 މިލިޔަން ޑޮލަރު މި ބޭނުމަށް ވިއްކިއިރު، މިއަހަރު އެވްރެޖްކޮށް މަހަކު 37.8 މިލިޔަން ޑޮލަރު ދަނީ ވިއްކަމުންނެވެ. ހަމައެއާއެކު، ޓީޓީ ފޮނުވުމަށް ވިއްކާ ފައިސާގެ މިންވަރުވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. 2023 ވަނަ އަހަރު މަހެއްގެ މައްޗަށް އެވްރެޖްކޮށް 10.2 މިލިޔަން ޑޮލަރު ޓީޓީއަށް ވިއްކިއިރު، މިއަހަރު އެ އަދަދު ވަނީ މަހަކު 28 މިލިޔަން ޑޮލަރަށް އުفުލިފައެވެ.
ބޭރުގައި ކިޔަވާ ކުދިންނާއި ބޭސްފަރުވާ ހޯދާ ފަރާތްތަކަށް ބޭންކުން ވިއްކާ ފައިސާގެ މިންވަރުވެސް އަހަރަކަށްވުރެ އަހަރެއް ދަނީ އިތުރުވަމުންނެވެ. އެގޮތުން 2023 ވަނަ އަހަރު މަހަކު 2.9 މިލިޔަން ޑޮލަރު ވިއްކިއިރު، މިއަހަރު އެވްރެޖްކޮށް މަހަކު 5.8 މިލިޔަން ޑޮލަރު ބޭންކުން ދަނީ ދޫކުރަމުންނެވެ. މީގެ އިތުރުން، ދަތުރުވެރިންނަށް ނަގުދު ފައިސާގެ ގޮތުގައި ވިއްކި ޑޮލަރުގެ މިންވަރުވެސް ވަނީ 70 އިންސައްތަ އިތުރުވެފައެވެ.
ޖުމުލަކޮށް ބަލާއިރު، ފާއިތުވި 5 އަހަރުގެ ތެރޭގައި މަހެއްގެ މައްޗަށް ބޭރު ފައިސާ ވިއްކާ މިންވަރު ވަނީ ގާތްގަނޑަކަށް ހަތަރު ގުނަ އިތުރުވެފައެވެ. 2021 ވަނަ އަހަރު މަހަކު އެވްރެޖްކޮށް 21 މިލިޔަން ޑޮލަރު ވިއްކިއިރު، 2026 ގެ ފުރަތަމަ ހަ މަސްދުވަހު މި އަދަދު ވަނީ މަހަކު 80 މިލިޔަން ޑޮލަރަށް އަރާފައެވެ. ބީއެމްއެލްއިން ވިދާޅުވީ، މި ތަފާސްހިސާބުތަކުން ހާމަވަނީ ރާއްޖޭގެ ބޭރު ފައިސާގެ ބޭނުންތައް ފުއްދައިދިނުމުގައި ބޭންކުން ބަހައްޓާ ސާބިތުކަން ކަމަށެވެ. އަދި ޑިމާންޑް އިތުރުވަމުންދާ މި ދަނޑިވަޅުގައިވެސް ކަސްޓަމަރުންގެ ޒަރޫރީ ބޭނުންތަކަށް ޑޮލަރު ފޯރުކޮށްދިނުމަށް ބޭންކުން އަބަދުވެސް އިސްކަންދޭނެ ކަމަށް އެ ބޭންކުން ބުނެއެވެ.




