ތިލަފުށީގައި ގާއިމުކުރަމުންދާ ވޭސްޓް ޓު އެނާޖީ (ކުނިން ހަކަތަ އުފައްދާ) ޕްލާންޓުގެ ކޮންސްޓްރަކްޝަން މަސައްކަތުގެ 60 އިންސައްތަ މިހާރު ނިމިފައިވާ ކަމަށް ތިމާވެއްޓާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ. ބިލްޑް އެންޑް އޮޕަރޭޓް އުސޫލުން ކުރިއަށްގެންދާ މި މަޝްރޫއުގެ މަސައްކަތްތައް ބާރުދުވެލީގައި ކުރިއަށްދާ ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
މި މަޝްރޫއާ ގުޅޭގޮތުން ޑިރެކްޓަރ ޖެނެރަލް އޮފް ވޭސްޓް މެނޭޖްމަންޓް އެންޑް ޕޮލިއުޝަން އަޙްމަދު މުރުތަޟާ ވިދާޅުވީ، ތިލަފުށީގައި ގާއިމުކުރަނީ ދުވާލެއްގެ މައްޗަށް 500 ޓަނުގެ ކުނި އެންދުމުގެ ގާބިލުކަން ހުންނާނެ 13 މެގަވޮޓުގެ ޕްލާންޓެއް ކަމަށެވެ. މީގެތެރެއިން 3 މެގަވޮޓް ބޭނުންކުރާނީ އެ ފެސިލިޓީ ހިންގުމަށެވެ. އަދި ބާކީ 10 މެގަވޮޓް ކަރަންޓު މައި ގްރިޑަށް ފީޑްކޮށްގެން ވިއްކުމަށް ވަނީ ނިންމާފައެވެ.
މި ޕްލާންޓުން ކުނި އެންދުމަށްފަހު އުފެދޭ އަޅިވެސް ބޭނުންތެރި ވަސީލަތަކަށް ހެދުމުގެ ދިރާސާތައް ދަނީ ކުރަމުންނެވެ. ދުވާލަކު އުފެދޭ 100 ޓަނުގެ އަޅި ޓްރީޓްކޮށްގެން، އިމާރާތްކުރުމުގެ ސިނާއަތުގައި ސިމެންތީގެ ބަދަލުގައި ބޭނުންކުރެވޭނެ ގޮތް ހެދުމަށް ރޭވިފައިވާ ކަމަށް މުރުތަޟާ ވިދާޅުވިއެވެ. މީގެ އިތުރުން، ކުނި އެންދުމުން އުފެދޭ ނުރައްކާތެރި އަޅި ރައްކާތެރިކަމާއެކު ބެހެއްޓޭނެ ސަރަހައްދެއްވެސް މި ޕްލާންޓް ނިމޭއިރު ހުންނާނެއެވެ.
ތިމާވެއްޓާ ބެހޭ ވުޒާރާއިން ފާހަގަކުރެއްވި ގޮތުގައި، މި ޕްލާންޓް ބޭނުންކުރަން ފަށާތާ 2 އަހަރުގެ ތެރޭގައި ޖައްވަށް ބޭރުކުރާ ކާބަންޑައިއޮކްސައިޑްގެ ތެރެއިން 40،000 މެޓްރިކް ޓަނު މަދުކުރެވޭނެއެވެ. އަދި އުފައްދާ ކަރަންޓުގެ ސަބަބުން ތެލަށް ކުރާ ހޭދައިން ގާތްގަނޑަކަށް 2 މިލިއަން ސަލާމަތްކުރެވޭނެއެވެ. އޭޑީބީ، އޭއައިއައިބީ، ޖަޕާނުގެ ޖޭސީއެމް އަދި ދިވެހި ސަރުކާރު ގުޅިގެން ހިންގާ މި މަޝްރޫއަކީ ރާއްޖޭގެ ތިމާވެއްޓަށް ލިބޭނެ ބޮޑު ކުރިއެރުމެކެވެ.
ކުނިން ހަކަތަ އުފެއްދުމުގެ ނިޒާމަކީ ރާއްޖޭގެ އެންމެ ގިނައިން ކުނި މެނޭޖްކުރާ މެދުރާއްޖެތެރެއަށް އައު ކަމެއް ނަމަވެސް، އައްޑޫ ސިޓީގައިވެސް ވަނީ ދުވާލަކު 50 ޓަނުގެ ކުނި އަންދައިގެން 1.5 މެގަވޮޓުގެ ކަރަންޓު އުފެއްދޭ ޕްލާންޓެއް ގާއިމުކޮށްފައެވެ. އެ ޕްލާންޓް ހިންގާނެ ބަޔަކު ހޯދުމުގެ މަސައްކަތް ސަރުކާރުން މިހާރު ދަނީ ކުރަމުންނެވެ.




