ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ރައީސުންގެ ތެރެއިން މެންބަރުން އައްޔަން ކުރުމަށްޓަކައި، އެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 59 ވަނަ މާއްދާގެ ދަށުން، ކައުންސިލަރުންނާއި އަންހެނުންގެ ކޮމިޓީ މެންބަރުންގެ ތެރެއިން ޖުމުލަ ތިން މެންބަރަކު އެލްޖީއޭގެ ބޯޑަށް އައްޔަން ކުރާނެއެވެ. އެލްޖީއޭއިން މައުލޫމާތު ދޭ ގޮތުގައި، އަންނަ އޯގަސްޓް މަހުގެ 8 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިޚާބުގައި ހޮވާނީ ސިޓީ ކައުންސިލަރުންގެ ތެރެއިން މެންބަރަކާއި، ރަށު ކައުންސިލަރުންގެ ތެރެއިން މެންބަރެއްގެ އިތުރުން، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ރައީސުންގެ ތެރެއިން މެންބަރެކެވެ.
މި އިންތިޚާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް ފޯމު ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 16 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ. ކުރިމަތިލުމަށް އެދޭ ފޯމު ފޮނުވަން ޖެހެނީ އެލްޖީއޭގެ އިންތިޚާބުތަކަށް ޚާއްސަ އީމެއިލް election@lga.gov.mv އަށެވެ. ނަމަވެސް، އީމެއިލް މެދުވެރިކޮށް ފޯމު ހުށަހެޅުމަށް ދަތިކަމެއް ދިމާވާނަމަ، އެ އޮތޯރިޓީއަށް ހާޒިރުވެ ފޯމު ހުށަހެޅުމުގެ ފުރުސަތުވެސް އޮންނާނެއެވެ.
އެލްޖީއޭއިން ވިދާޅުވީ، ހުށަހަޅާ ފޯމުތަކަށް ޖަވާބު ދިނުން ކުރިއަށްދާނީ އީމެއިލް މެދުވެރިކޮށް ކަމަށެވެ. އެއްވެސް ސަބަބަކާ ހުރެ ފޯމު ބަލައިނުގަނެވޭނަމަ، ފޯމު ލިބޭތާ 24 ގަޑިއިރުގެ ތެރޭގައި އެކަން އީމެއިލްއިން އަންގާނެ ކަމަށާއި، އަދި ފޯމު އިސްލާހުކޮށްފައި އަލުން ހުށަހެޅުމުގެ ފުރުސަތު ދެވޭނެ ކަމަށްވެސް އެ އޮތޯރިޓީން ބުނެއެވެ.
މި އިންތިޚާބުގެ ވޯޓު ނެގުން ކުރިއަށްދާނީ އޯގަސްޓް 8 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 އިން ހަވީރު 16:00 އަށެވެ. އަދި އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރުމަށް ނިންމާފައިވަނީ އޯގަސްޓް 11 ވާ އަންގާރަ ދުވަހުއެވެ.




