އެމްޑީޕީގެ ޖަލްސާތައް ހުށަހެޅުމުގައި ހަރަކާތްތެރިވާ އަދި އެ ޕާޓީގެ ތިމަރަފުށީ ދާއިރާގެ ރައީސް އަންވަރު އިބްރާހީމް ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށްޓަކައި ފުލުހުން އޭނާ ހޯދަން ފަށައިފިއެވެ.
ފުލުހުން މިއަދު ބުނީ އަންވަރު ހޯދަމުންދަނީ ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުވާން އެންގުމުން ހާޒިރުވެފައި ނުވާތީ ކަމަށެވެ. އެހެންކަމުން، އޭނާ ބަންދުގައި ބަހައްޓައިގެން މާދަމާ ކޯޓަށް ހާޒިރުކޮށްދިނުމަށް ސިވިލް ކޯޓުން ފުލުހުންގެ މައްޗަށް ވަނީ އަމުރުކޮށްފައެވެ.
އަންވަރާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ، ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅައި އެ މައުލޫމާތު ހިއްސާކޮށްދިނުމަށް ފުލުހުން ވަނީ އެދިފައެވެ. އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.
އަންވަރު އިބްރާހީމަކީ އެމްޑީޕީގެ ސިޔާސީ ހަރަކާތްތަކުގައި ވަރަށް އެކްޓިވްކޮށް އުޅޭ ފަރާތެކެވެ. ޕާޓީގެ ރަސްމީ ބޮޑެތި ޖަލްސާތައް ހުށަހަޅައިދިނުމުގެ އިތުރުން، އެ ޕާޓީން މަގުމަތީގައި ބާއްވާ އެކި އިހުތިޖާޖުތަކާއި ހިނގާލުންތަކުގެ އިސް ސަފުންވެސް އޭނާ އަބަދުވެސް ފެނެއެވެ.





