މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މާލެ ކައިރި ކަނޑުމަތީގައި ހިނގި ބޮޑު އެކްސިޑެންޓަށް ފަހު، މަޑުނުކޮށް ދިޔަ އުޅަނދު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަތާ 48 ގަޑިއިރު ވީއިރުވެސް އެ އުޅަނދު އަދިވެސް ފެނިފައިނުވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މައުލޫމާތު ދޭ ގޮތުގައި، މި އެކްސިޑެންޓް ހިނގާފައިވަނީ މާލޭގެ އިއްޒުއްދީން ފާލަމާ ދިމާ ބޭރުން "ލީޖަން 1" ނަމަކަށް ކިޔާ ލޯންޗަކާއި އިތުރު އުޅަނދެއް ޖެހިގެންނެވެ. މި ހާދިސާގައި ލޯންޗަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން އާންމުވެފައިވާ ފޮޓޯތަކުން ފެނެއެވެ.
އެކްސިޑެންޓްވުމަށްފަހު މަޑުނުކޮށް ދިޔަ އުޅަނދު ހޯދުމުގެ މަސައްކަތް މެރިން ޕޮލިހުން ކުރަމުންދާއިރު، އެ އުޅަނދާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއްވާނަމަ، މެރިން ޕޮލިސް އިންވެސްޓިގޭޝަންގެ ނަންބަރު 9926094 އަށް ގުޅައި އެ މައުލޫމާތެއް ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ. ނަމަވެސް އެ އުޅަނދާ ބެހޭ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.
މި ހާދިސާގައި ޖުމްލަ 5 މީހަކަށް އެކި ވަރުގެ އަނިޔާވެގެން އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ބިދޭސީ 4 ފިރިހެނުންނާއި ދިވެހި ފިރިހެނެކެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.




