މާފަންނު ސްޓޭޑިއަމް ސަރަހައްދުން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ދޫކޮށްފައިވާ ބިމުގައި ހަދާފައިވާ އިމާރާތް ހުސްކުރަން އެ އިދާރާއިން އެންގި އެންގުން ހުއްޓުވަން ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުން، ދައުވާކުރާ ކުންފުނި ކޯޓަށް ހާޒިރުނުވުމުން ކެންސަލްކޮށްފިއެވެ.
ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އިބްރާހިމް ފަޒީލް (އޮއްޕޮ) މެނޭޖިން ޑިރެކްޓަރުކަން ކުރައްވާ ފިއުޗާ ހޯމްސް ޕްރައިވެޓް ލިމިޓެޑުން ސިވިލް ކޯޓަށް ހުށަހެޅި މި މައްސަލައިގެ އަޑުއެހުމަށް މިއަދު އެފްއޭއެމް އާއި އެ ކުންފުނި ހާޒިރުވާން އެންގި ނަމަވެސް، ފިއުޗާ ހޯމްސްގެ ފަރާތުން ކޯޓަށް ހާޒިރުވެފައެއް ނުވެއެވެ. އެ ކުންފުނިން މިއަދު ކޯޓަށް ހާޒިރުނުވެވޭނެކަން ކުރިން އަންގާފައިވާއިރު، އެފްއޭއެމްގެ އެންގުމަށް އަމަލުކުރުން ފަސްކުރުމުގެ ވަގުތީ އަމުރެއް އެ އިދާރާގެ ޣައިރު ހާޒިރުގައި ނެރެދިނުމަށްވެސް ދައުވާގައި އެދިފައިވެއެވެ.
ފިއުޗާ ހޯމްސްއިން ހުށަހެޅި މައްސަލާގައި ބުނެފައިވަނީ، އެފްއޭއެމްއާއެކު 2023 ވަނަ އަހަރު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ކުރަންޖެހޭ މަސައްކަތްތައް ނިންމައި އެތަނުގައި އިމާރާތެއް ހަދާފައިވާނެ ކަމަށެވެ. އެގޮތުން އެފްއޭއެމްގެ ޓާފު ދަނޑުގެ ދެކުނު ފަރާތް ސާފުކޮށް ޗޭންޖިން ރޫމެއް ހެދުމުގެ ބަދަލެއްގެ ގޮތުން، ސްޓޭޑިއަމުން 2،700 އަކަފޫޓުގެ ބިމެއް އެއްވެސް ކުއްޔަކާ ނުލައި 25 އަހަރަށް އެ ކުންފުންޏަށް ދޫކޮށްފައިވާ ކަމަށާއި، އެ މަސައްކަތަށް އެތައް މިލިއަން ރުފިޔާއެއް ހަރަދުވެފައިވާ ކަމަށްވެސް ބުނެފައިވެއެވެ. ނަމަވެސް އެ އިމާރާތް ބޭނުންކުރަމުން ދަނިކޮށް އެފްއޭއެމްއިން އެއްބަސްވުމާ ހިލާފަށް ބިން ހުސްކުރަން އަންގަމުންދާތީ، އެއްބަސްވުމަށް ހުރުމަތްތެރިކޮށް ހިތުމުގެ އަމުރަކަށާއި ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްގު އޮތް ކަމަށް ކަނޑައަޅައިދިނުމަށް އެ ކުންފުންޏިން އެދެއެވެ.
އެފްއޭއެމްގެ ރައްދު: އެފްއޭއެމްއިން ބުނާ ގޮތުގައި އެ ބިމުގައި ދެ ބުރީގެ އިމާރާތެއް ހަދާފައިވަނީ ހައުސިން މިނިސްޓްރީއާއި މާލޭ ސިޓީ ކައުސިލުން ނަގަންޖެހޭ އެއްވެސް ހުއްދައެއް ނެތިއެވެ. އަދި ބިން ހުސްކުރަން ތަކުރާރުކޮށް އެންގުމުންވެސް ހުސްނުކުރުމުން ގާނޫނީ ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށް އެ އިދާރާއިން ބުނެއެވެ.
ނަމަވެސް ފިއުޗާ ހޯމްސްއިން އެފްއޭއެމްގެ މި ތުހުމަތުތައް ދޮގުކުރެއެވެ. އެ ކުންފުނީގެ އޮފިޝަލަކު ވިދާޅުވީ ބިން ހުސްކުރަން އެ ކުންފުނިން ދެކޮޅު ނުހަދާ ކަމަށާއި، އެ ބިމަށް ކުންފުނިން ކުރި ހަރަދުތަކާއި ބިން ނެގުމުން ކުރިމަތިވާނެ ގެއްލުމުގެ ބަދަލު ލިބުމުން ބިން ހުސްކުރަން އެއްވެސް އިއުތިރާޒެއް ނެތް ކަމަށެވެ.




