އިލެކްޓްރޯނިކް ވޯޓިން (އީ-ވޯޓިން) ނިޒާމަކަށް ބަދަލުވާން ދިވެހިރާއްޖެ އަދި ތައްޔާރު ނޫންކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް މުޙައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާ "ޕީއެސްއެމް ނިއުސް"އަށް ދެއްވި ބަސްދީގަތުމެއްގައި ޝަކީލް ވިދާޅުވީ، އީ-ވޯޓިން ނިޒާމަކަށް ދިއުމުގެ ކުރިން އެކަމަށް ރައްޔިތުން ވަރަށް ބޮޑަށް ހޭލުންތެރިކުރަން ޖެހޭކަމަށެވެ. ރާއްޖެއަށް އެފަދަ ނިޒާމެއް ގެނައުމަށް މާއްދީ ގޮތުން އެއްވެސް ހުރަހެއް ނެތް ނަމަވެސް، ދިވެހި މުޖުތަމަޢު އަދި އެކަމަށް ތައްޔާރު ނޫންކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، ވޯޓުލުމުގެ އިންތިޒާމްތައް ބަދަލުކުރަންވާނީ ރައްޔިތުން އެ ނިޒާމަކީ ކޮބައިކަން ސާފުކޮށް ދަނެ، އެކަމަށް ތައްޔާރުކަމަށް ގަބޫލުކުރާ ހާލަތަކަށް ދިއުމުން ކަމަށެވެ.
ޝަކީލް އިތުރަށް ވިދާޅުވީ، މިހާރު މުޖުތަމަޢު އޮތްގޮތުން އީ-ވޯޓިންގެ ވާހަކަދެކެވޭ އިރު، އެއީ އޮޅުވާލަން ކުރާ މަސައްކަތެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ތުހުމަތުކޮށް ވާހަކަދައްކަމުންދާ ކަމަށެވެ. އެހެންކަމުން އެފަދަ ބަދަލެއް ގެނައުމުގެ ކުރިން ނިޒާމާ ބެހޭ ހަގީގީ މައުލޫމާތު ފޯރުކޮށްދީ، ދެމެހެއްޓެނެވި ގޮތެއްގައި އާންމުން ހޭލުންތެރިކުރުމުގެ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އީ-ވޯޓިންގެ ބަހުސް ސިޔާސީ ފަރާތްތަކުގެ މެދުގައި ގަދަވެފައިވަނީ މަޖިލީހަށް ހުށަހަޅާފައިވާ ޑިޖިޓަލް ޓްރާންސްފޮމޭޝަން ބިލާ ގުޅިގެންނެވެ. އެ ބިލު މެދުވެރިކޮށް އީ-ވޯޓިންއަށް މަގުފަހިކޮށްދޭ ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރި ނަމަވެސް، އެ ބިލުގައި އީ-ވޯޓިންއާ ބެހޭ އެެއްވެސް ވާހަކައެއް ހިމަނާފައިނުވާނެ ކަމަށް އީސީންނާއި ސަރުކާރު ހިންގާ ޕީއެންސީއަށް ނިސްބަތްވާ މެމްބަރުންވެސް ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ. އަދި ގާނޫނަށް ބަދަލު ގެނެސްގެން ވޯޓިން ނިޒާމު ބަދަލުކުރަން އެއްވެސް މަސައްކަތެއް ކުރަމުން ނުދާކަންވެސް އެ ފަރާތްތަކުން ހާމަކުރެއެވެ.





