މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ހިންގާ ބޮޑު މަޝްރޫއުގެ ފޭސް 1 ގެ 90 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީއިން ބުނެފިއެވެ.
މި މަޝްރޫއުގެ ތެރެއިން އެއްގަމު ތޮށީގެ ކެޕިންގް ކޮންކްރީޓް މަސައްކަތްތައް އެއްކޮށް ނިމިފައިވާއިރު، މަގުގެ ސަބް-ބޭސް އަދި އެގްރިގޭޓް ބޭސް ކޯސް (އޭބީސީ) ފަށަލަ އެޅުމުގެ މަސައްކަތްތައް 12 ޖުލައި 2026 ގައި ވަނީ އެއްކޮށް ނިންމާލާފައެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އިން ކުރިއަށްގެންދާ މި މަޝްރޫއުގެ ސެގްމެންޓް 2 އަދި 3 ގައި ތާރު (އެސްފަލްޓް) އެޅުމުގެ މަސައްކަތް މި ހަފުތާގެ ތެރޭގައި އެއްކޮށް ނިންމާލުމަށް ދަނީ ބާރުސްޕީޑްގައި މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުން، މަގުމަތީގެ ނިޝާންތައް ކުރެހުމާއި، ޕާކިންގް ޒޯން ހެދުމުގެ މަސައްކަތްތަކުގެ އިތުރުން ދުވާރުގައި ގާ އެޅުމުގެ ބާކީ ހުރި މަސައްކަތްތައް ވެސް މިހާރު ދަނީ އެއްވަގުތެއްގައި ކުރިއަށްދަމުންނެވެ.
The Malé North Side Boduthakurufaanu Magu Road Project (Phase 1) has now reached 90% completion, with quay wall capping concrete works completed in full.
Sub-base works and Aggregate Base Course (ABC) laying works are scheduled to reach 100% completion on 12th July 2026, while… pic.twitter.com/1DGjml96Bz
— MTCC Plc (@MTCCPlc) July 12, 2026
މި މަޝްރޫއަކީ މާލޭގެ ބޮޑުތަކުރުފާނު މަގުގެ ރިންގް ރޯޑް ފުރިހަމަކޮށް، މާލޭގެ އުތުރު ފަރާތުގެ ވިޔަފާރި ބަނދަރާއި މާރުކޭޓު ސަރަހައްދުގެ ދަތުރުފަތުރަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ދައުލަތުގެ ބަޖެޓުން 144 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މުހިންމު މަޝްރޫއެކެވެ. ސަރުކާރުގެ އަމާޒަކީ މި މަހުގެ 26 ވަނަ ދުވަހު ފާހަގަކުރާ މިނިވަން ދުވަހުގެ ކުރިން މި މަގުގެ މަސައްކަތްތައް އެއްކޮށް ނިންމައި އާންމުންނަށް ހުޅުވާލުމެވެ. މަގު ފުޅާކޮށް ދެކޮޅަށް ދުއްވޭ ގޮތަށް ހެދުމާއެކު، ސައިކަލު ޕާކު ކުރާނެ ޖާގައާއި މަސްވެރިންގެ ޕާކެއް ވެސް މި މަޝްރޫއުގެ ދަށުން މި ސަރަހައްދުގައި ތަރައްގީ ކުރެވޭނެއެވެ.
ސަރަހައްދު ޒަމާނީ ފެންވަރަށް ތަރައްގީކޮށް، މި މަހުގެ 26 ވަނަ ދުވަހު އާންމުންނަށް ހުޅުވާލުމަށް ވަމުންދާ ތައްޔާރީތަކާއެކު، މުޅި ސަރަހައްދުގެ މަލަމަތި މިހާރު ވަނީ ބަދަލުކޮށްލައިފައެވެ. ބާސެލޯ ނަސެންދުރާ އިން ފެށިގެން އިއްޒުއްދީން ފާލަމާ ހަމައަށް ފަޅުތެރެއިން ބައެއް ހިއްކައިގެން މަގު ފުޅާކުރުމުގެ ބޮޑު ސަރަހައްދެއްގައި މިހާރު ވަނީ ތާރު ވެސް އަޅައިފައެވެ. މިދިޔަ މާޗް މަހުގެ 23 ގައި އަމަލީ މަސައްކަތް ފެށި މި މަޝްރޫއު ހަތަރު މަސްދުވަހުގެ ތެރޭގައި ނިންމާލާއިރު، އަންނާނެ އެންމެ ބޮޑު ބަދަލަކީ އެއްގަމު އުޅަނދުތަކަށް ދަތުރުފަތުރު ކުރަން ޖާގަ ތަނަވަސްވެ، ފަސޭހަވެގެން ދިއުމެވެ.
މީގެ ކުރިން ނޯތު ހާބަރުން ފެށިގެން އެމްއެމްއޭއާ ހަމައަށް ތާރު އަޅައި ބޭނުންކުރަން ފެށުމުން ވެސް އެ ސަރަހައްދުގެ ތޮއްޖެހުމަށް ބޮޑު ލުޔެއް ލިބިފައިވާއިރު، މި އާ ފޭސްއާއެކު ދަތުރުފަތުރަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ.





