ލުބުނާނުގެ ބައިރޫތުގެ ދެކުނު ސަރަހައްދަށް އިސްރާއީލުން ދިން ވައިގެ ހަމަލާތަކަށް އީރާނުން "ވަރުގަދަ އަދި ވޭނީ ރައްދެއް" ދޭނެ ކަމަށް ބުނެ، އީރާނުގެ މަޖިލީހުގެ ޤައުމީ ސަލާމަތާއި ޚާރިޖީ ސިޔާސަތާ ބެހޭ ކޮމިޓީގެ ތަރުޖަމާނު އިބްރާހީމް ރެޒާއީ ހަރުކަށި އިންޒާރެއް ދެއްވައިފިއެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ރެޒާއީ ވިދާޅުވީ، ޒަޔަނިިސްޓުން ބައިރޫތުގެ ސަރަހައްދުތަކަށް ދިން ހަމަލާއަށް އީރާނުން ކަނޑައެޅިގެންވާ ހަރުކަށި ޖަވާބެއް ދޭނެ ކަމަށެވެ. އަދި މިފަދަ "މޮޔަވެފައިވާ ކުއްތާތައް" މައިތިރިކޮށް، އެތަކެތީގެ ހައްދު ދައްކަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، މިރޭ އިސްތިޢުމާރުކޮށްފައިވާ ބިންތަކުގެ އުޑުމައްޗަށް ފަރުވާތެރިކަމާއެކު ބެލުމަށްވެސް އޭނާ ވަނީ ގޮވާލައްވާފައެވެ.
މި އިންޒާރު އައިސްފައިވަނީ، އާންމުންގެ އެތައް ބަޔަކު މަރުވެ އަދި ޒަޚަމްވަމުންދާ ހަމަނުޖެހުންތަކުގެ ތެރޭގައި، އިސްރާއީލުން ބައިރޫތުގެ އެ ސަރަހައްދުގައި ހުރި ހިޒްބުالله ގެ އަމާޒުތަކަށް ހަމަލާދެމުންދާ ދަނޑިވަޅެއްގައެވެ.
މި އިންޒާރަކީ، އެމެރިކާ މެދުވެރިވެގެން ކުރިއަށްގެންދާ ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް ހުއްޓުމަކަށް އައިސްފައިވާ ދަނޑިވަޅެއްގައި، އީރާނުން އެމީހުންގެ ބައިވެރިއެއް ކަމަށްވާ ހިޒްބުالله އަށް އޮތް ތާއީދު ހާމަކޮށްދޭ ކަމެކެވެ.
މި މަހުގެ ކުރީކޮޅު އިސްރާއީލުން ބައިރޫތަށް ހަމަލާދިނުމާ ގުޅިގެން، އެމެރިކާއާއެކު ނުސީދާކޮށް ކުރިއަށްގެންދިޔަ ނިއުކްލިއާ މަޝްވަރާތައްވެސް އީރާނުން ވަނީ މެދުކަނޑާލާފައެވެ.
އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން މީގެ ކުރިންވެސް ވަނީ ބައިރޫތަށް ދޭ ކޮންމެ ހަމަލާއަކަށް ރައްދު ދިނުމުގެ ގޮތުން އިސްރާއީލުގެ އުތުރުގެ ސަރަހައްދުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު ދީފައެވެ.
މުޙައްލިލުން ފާހަގަކުރާ ގޮތުގައި، ރެޒާއީގެ މި ވާހަކަތަކުން ދޭހަވަނީ އިސްރާއީލުން ތަކުރާރުކޮށް ކުރަމުންދާ އުދުވާނުތަކާ މެދު އީރާނުގެ ކެތްތެރިކަން ކޮޅުންލާފައިވާ ކަމާއި، މި ހަނގުރާމައިގެ ސަބަބުން އިސްރާއީލަށް ލިބޭ ގެއްލުން ބޮޑުކުރުމަށް އީރާނުން ބޭނުންވާ ކަމެވެ.
ސަރަހައްދީ ހަނގުރާމަ އިތުރަށް ފުޅާވެ، މަސްރަޙު އިތުރަށް ގޯސްވެގެންދާނެ ކަމުގެ ބިރު ވަނީ އުފެދިފައެވެ.




